ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި

ބަޔަކު ހައްޔަރުކުރަނީ

މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުން

މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާއިން ވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާއްޖެއިން މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތް ނިންމާ އޭޖީ އޮފީހަށް ފޮނުވާފައެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއ،ި އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް" އެވެ.

ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.