މާރަންދޫ ކައުންސިލުގެ ނައިބު ރައީސް ނިޔާވެއްޖެ

ރަމީޒް

ނިޔާވެފައިވަނީ ފަރުވާދެމުން ދަނިކޮށް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒު ނިޔާވެއްޖެއެވެ.

މާރަންދޫ ކައުންސިލު ނައިބް ރައީސް އަހުމަދު ރަމީޒު ނިޔާވެފައިވަނީ، މިރޭގެ ވަގުތެއްގައެވެ. ރަމީޒު ނިޔާވެފައިވަނީ އޭނާގެ ހާލު ދެރަވެގެން ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒުގެ ހާލު ދެރެވީ މިއަދު ހަވީރު މާރަންދޫ އާއި ނެއްލައިދޫ ދެމެދު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗަކަށް ފަހުއެވެ. އެގޮތުން މި މެޗުގައި ރަމީޒު ކުޅެފައިވަނީ ފަހު ހާފުގައި ނަމަވެސް ވަރުބަލިވުމުން މެޗު އެއްކޮށް ނުނިމެނީސް ވަނީ ދަނޑުން ފައިބާ ބެންޗަށް ގޮސްފައެވެ. އޭގެ ފަހުން މެޗަށް ފަހު ބެންޗުގައި އިންދާ ހޮޑުލަވަން ފެށުމުން، މާރަންދޫ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް އިތުރަށް ހާލު ދެރަވަމުން ދިއުމާއެކު ދިއްދޫ ހޮސްޕިޓަލަށް ގެންދެވުނެވެ.

ރަމީޒަކީ އެމްޑީޕީ ޓިކެޓުގައި ކައުންސިލަށް ހޮވިވަޑައިގެން ބޭފުޅެކެވެ. މިއީ ކައުންސިލްގައި ރަމީޒުގެ ފުރަތަމަ ދައުރެވެ.

ރަމީޒު ނިޔާވި ހަބަރު ލިބިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމީޒަކީ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ރަމީޒަކީ މި ޕާޓިއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަން," ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.