މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭން ޤާނޫނު އިސްލާހު ކުރަނީ

އަތުލައިގަނެވުނު މަސްތުވާ ތަކެތި

139 ބާވަތެއްގެ މަސްތުވާތަކެތި އެ މާއްދާގައި ބަޔާންކޮށްފައިވޭ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީގެ ޤާނޫނު އިސްލާހު ގެންނަން ސަރުކާރުން ނިންމަވައިފިއެވެ.

މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ޑްރާފްޓް ބިލް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވާފައެވެ.

ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި، މަރުގެ މައްސަލަތަކަށެވެ. އެހެންކަމުން، މިއީ މަރުގެ މައްސަލަތައް ފިޔަވައި އިތުރު މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދޭން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މިހާރު ޢަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ އެންމެ ހަރުކަށި އަދަބަކީ ޢުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއާއި ދިހަ މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އެހެންކަމުން މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭން ކަނޑައަޅާ ފުރަތަމަ ފަހަރުވެސްމެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން ފެންނަ އިޞްލާހުގެ ޑްރާފްޓް ބިލުގެ ޖަދުވަލު 1ގައި ވަނީ 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ހިމަނާފައެވެ. އެގޮތުން 139 ބާވަތެއްގެ މަސްތުވާތަކެތި އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޑްރާފްޓް ބިލުގެ އިބާރާތުގައި ބަޔާންކޮށްފައިވަނީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހުތަކުގެ ތެރޭގައި ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި، ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެއެވެ. އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.