ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިންތައް ވާރިސުންނަށް ދޭން ފަށަނީ

ހުޅުމާލެ ފޭސް 3 ހިއްކަނީ (ފޮޓޯ: އެޗްޑީސީ)

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް 9،000 އަށް ވުރެ ގޯތި ދޫކުރަން ވަނީ ނިންމައިފަ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ވާރިސުންނަށް ބިން ހަވާލުކުރަން ނިންމައި އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކަންޓެއް ނުވަތަ އެޕްލިކަންޓް މަރުވެފައިވާ ފަރާތްތަކުން ޝަރުއީ ކޯޓުން ވާރިސުން ސާބިތުކުރަން ޖެހޭނެ ކަމަށެވެ. އެއަށް ފަހު ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު މިނިސްޓްރީގެ ހިޔާވެހި ޕޯޓަލަށް ހުށަހަޅައި އެޕޮއިންޓްމަންޓަށް އެދުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް 9،000 އަށް ވުރެ ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މިހާތަނަށް ހުޅުމާލެއިން 624 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. އަދި މި ސްކީމްގެ ދަށުން ގޯތި ދިނުމަށް ހިއްކަމުން އަންނަ ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އަދި އެއްކޮށް ނުނިމެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭންޖެހޭ ހުރިހާ ގޯއްޗެއް އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޭ ގޯތިތައް އަންނަ އޮކްޓޯބަރު މަހު ހަވާލުކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް ގުޅިފަޅުން ދޭ ގޯތިތައް ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.