ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު
ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދާ ވަގުތުގައި މަޖިލިސް ތަޅުމުގައި މެންބަރުން ނުތިބޭނެކަމަށް ވިދާޅުވި
މަޖިލީހުގެ ތަޅުމުގައި ކުރެވޭ މަސައްކަތްތަކަކީ ކޮމިޓީތަކުގައި ކުރެވޭ މަސައްކަތްތަކާއި އަޅާބަލާއިރު މާ ކުޑަ މަސައްކަތެއް ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްވަމުން ފަލާހު ވިދާޅުވީ މަޖިލީހުގައި 19 ކޮމިޓީއެއް އޮތްއިރު، އެ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދާ ވަގުތުގައި މަޖިލިސް ތަޅުމުގައި މެންބަރުން ނުތިބޭނެކަމަށް ފަލާހް ވިދާޅުވިއެވެ.
"އެހެން ނަމަވެސް އިދިކޮޅު ބައެއް ނޫސްތަކުގައި ލިޔަމުން މި ދަނީ މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް މެދުކަނޑާލައިފިއޭ. ދެން އަޅުގަނޑުމެން ދާއިރާތަކުގެ ރައްޔިތުން ހީކުރަނީ، އަޅުގަނޑުމެން މުސާރަ ނަގައިގެން ނިދަނިއްޔޭ މެންދުރުފަހު. އެކަމު ހަރާން، އަޅުގަނޑުމެންނަށް ގެއަށް ދެވެނީ ރޭގަނޑު ނުވައެއް ޖަހާއިރު. އަޅުގަނޑުމެން މި ތިބެނީ ގެއަށްދާއިރު، ނިންޖާ ތާއްޔަށް ޖެހިޖެހި" ފަލާހް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ 75 މެންބަރުން ތިއްބަވާއިރު، ބަލިވެގެން މެނުވީ މެންބަރުން މަޖިލީހަށް ނައިސް ނުތިބޭނެ ފަލާހް ވިދާޅުވިއެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ހާޒިރީ އެންމެ ރަނގަޅު މަޖިލީސް ކަމަށް ފަލާހް ވިދާޅުވިއެވެ.
ކޮމެންޓް