ގައިންގަޔަށް ނާރާ ބަލިތައް ގިނަ ވާތީ ދިރާސާ އެއް ހަދަނީ

ޚަލީލް މަޖިލީހުގައި

ބައެއް ބަލިތައް ބައެއް ރަށްރަށުގައިވެސް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ޚިލާފަށް ގިނަކަން ފާހަގަކުރެވޭ ކަމަށާއި އެކަން ބެލުމަށްޓަކައި ދިރާސާ އެއް ހެދުމަށް ކޮންސަލްޓެންޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑޮކްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީލީހުގެ މިއަދު ގެ ޖަލްސާގައި ހދ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށާއި އެ ގޮތުން ބައެއް ރަށްރަށުގައި ބައެއް ކަހަލަ ބަލިތައް އިތުރުކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ކެންސަރު ބަލި ރާއްޖޭގައި ގިނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބައެއް ބަލިތައް ބައެއް ރަށްރަށުގައިވެސް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެނެް ކަމުން އެއީ، ކީއްވެގެން، ކޮން ގޮތަކުން އަދި ކޮން މާއްދާއެއްގެ ސަބަބުން ދިމާވާ ކަމެއްތޯ ބެލުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވާ ސަބަބުތައް ދެނަގަތުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއި އެކު ކޮންސަލްޓަންޓެއް ހަމަޖެހި އެކަމުގެ ދިރާސާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މިނިސްޓަރ ވަނީ އަތޮޅުުތަކުގެ ހސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މިހާރު ކުރަމުންދާ މަސައްކަތްތާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވަބުދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.