ރައީސް ނަޝީދަށް ދިން ޙަމަލާގެ އިންކުއަރީން ފާހަގަވި ގޯސްތައް އަލުން ބަލަނީ

ރައީސް ނަޝީދު އެމްޑީޕީގެ އިވެންޓެއް ނިންމަވައިފައި

މެއި ހައެއްގެ ހަމަލާއާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުގައި މައްސަލަތަކެއް އެބަހުރި ކަމަށް ނާޒިމް ވިދާޅުވި

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއާއި ގުޅިގެން ހިންގި މަޖިލީސް އިންކުއަރީގައި ފާހަގަކޮށްފައިހުރި ގޯސްތައް އަލުން ބެލުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި މެއި ހައެއްގެ ހަމަލާއާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުގައި މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން އެ ހަމަލާއާ ގުޅޭ އެއް މައްސަލައަކީ "ވިލަރެސް ކުރެވިފައި" ނެތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި އެ ހަމަލާއާ ގުޅިގެން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް އިންޓެލިޖެންސާ ބެހޭ ކަންކަން ބެލޭނެ ގޮތެއް އަދިވެސް ގާއިމުވެފައި ނެތް ކަމަށް ނާޒިމް ފާހަގަ ކުރެއްވެވިއެވެ.

"މިހާރު މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް އެ މައްސަލަ ގެންނަންވީނޫންތޯ؟ އެކަން ސާފުކޮށްދެއްވުން އެދެން މުގައްރިރުގެ އަރިހުން،" ނާޒިމް ވިދާޅުވިއެވެ.

އެއަށް ޖަވާބުދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ސިޓީ އޮތީ ލިޔެ ނިންމާފަ ކަމަށެވެ. އަދި އެ ސިޓީ މިއަދުގެ ވަގުތެއްގައި ހުށަހަޅުއްވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ 8:32 ގައި މާލޭ ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއްލިބި ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު އުޅުއްވާފައިވެއެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ މެއި 6 ގެ އައިއީޑީ ގޮއްވާލި އަދުހަމަށް 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި އެމައްސަލައާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ކްރިމިނަލް ކޯޓުގައި މިވަގުތުވެސް ދަނީ ހިނގަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.