ޤައުމީ ތެރަޕިއުޓިކް ޕްރޮޓޮކޯލް މުރާޖާކުރުމުގެ މަސައްކަތުބައްދަލުވުން ބާއްވައިފި

މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއެކު

އެން.ޓީ.ޕީ ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޞިއްޙީ ވުޒާރާ ގުޅިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލްސް (އެން.ޓީ.ޕީ) މުރާޖާކޮށް ފައިނަލް ކުރުމަށް މަސައްކަތުބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި މަސައްކަތުބައްދަލުވުމުގައި އެލައިޑް ހެލްތު ޕްރޮފެޝަންތަކުގެ ފަންނީ ތަޖުރިބާކާރުންނާއި ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތުބައްދަލުވުމުގެ އަސާސީ މަޤްޞަދަކީ އެން.ޓީ.ޕީގެ ފަސް ދާއިރާ މުރާޖާކުރުމެވެ. މިގޮތުން މުރާޖާކުރެވިފައިވާ މަސައްކަތް، ބައިވެރިންގެ މެދުގައި ހިއްސާކޮށް އިތުރު ހިޔާލު ހޯދައިފައިވެއެވެ. އެއަށްފަހު ކަމާބެހޭ ތަޖުރިބާކާރުން އެ މަސައްކަތްތައް އެންޑޯސްކުރުމުން، ފައިނަލްކޮށްފައިވާ އެ.ންޓީ.ޕީ ވެގެންދާނީ ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން އެކިއެކި ތެރަޕީތައް ދޭއިރު ޞިއްޙީ ވުޒާރާގެ ރެގިއުލޭޓަރީ ސްޓޭންޑަޑަކަށެވެ.

މި މަސައްކަތުބައްދަލުވުން ފަށާފައިވަނީ މި މަސައްކަތުބައްދަލުވުމުގެ މަޤްޞަދުތަކާއި ލަފާކުރެވޭ ނަތީޖާތަކުގެ ތަޢާރަފަކާއެކު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދު އާތިފާއި، ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނެވެ. އެއަށްފަހު، ކޮންމެ ގްރޫޕަކުންވެސް އެކުލަވާލާފައިވާ ޕްރޮޓޮކޯލްތަކުގެ ޚުލާސާއެއް ހުށަހަޅައި، ބައިވެރިން މި ޑްރާފްޓްތައް މުރާޖާކުރުމަށް ގްރޫޕް ޑިސްކަޝަންތަކުގައި ބައިވެރިވެ، ކޮންމެ ގްރޫޕަކުންވެސް ރިވިއުގެ ނަތީޖާތައް ވަނީ ހުށަހަޅާފައެވެ. މި މަސައްކަތުބައްދަލުވުން ނިންމާލާފައިވަނީ މުސްތަޤްބަލުގައި އަޅާނެ ފިޔަވަޅުތަކާއި، މިސްރާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހުއެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. އެން.ޓީ.ޕީ ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. މި ޕްރޮޓޮކޯލްތަކުގެ ސަބަބުން ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމުން ކަވަރުކުރާ އެކިއެކި ތެރަޕީތައް އިތުރަށް ހަރުދަނާކޮށް، އެއްވެސް ފަރުދަކު ބާކީނުވާނެހެން ހުރިހާ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ފަރުވާ ލިބޭނެކަން ޔަގީންކުރެވިގެންދާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.