ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއި ކުރަނީ

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެއް

ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.

މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނަރ ރޫމްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުންއަންނަކަމުގައި ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮނޑު އެއްމައްސަލަކަމުގައިވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއަދު ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށުފެންވަރުގައި ކުނި މޭނޭޖްކުރުމަށްވެސް އެމަނިކުފާނު ކައުންސިލްތަކަށް ގޮވާލައްވާފައިވެއެވެ.

މި ހަވާލުކުރެވުނު ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ. މިރަސްމިއްޔާތުގައި އެކައުންސިލްތަކުގެ ރައީސުންނާއި ނާއިބުރައީސުން އަދި ކައުންސިލަރުންގެ އިތުރުން ރައްޔިތުންމަޖިލިސްގެ ބައެއް އިއްޒަތްތެރިންނާއި ވެމްކޯގެ ބައެއްއިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.