ހަ މަސްދުވަހުގެ ތެރޭގައި 60 އިމާމުން އިތުރު ތަމްރީނަށް ރާއްޖޭން ބޭރަށް ފޮނުވިއްޖެ: ޑރ. ޝަހީމް

މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަފުޅު ދައްކަވަނީ

ހަ މަސް ދުވަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށް އިމާމުންގެ ދެ ބުރަކާއި ބުރޫނާއީއަށް ވެސް އިމާމުންގެ އެއް ބުރު ފޮނުވިފައިވާކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތް ފަހުން މިހައި ތަނަށް 60 އަށް ވުރެ ގިނަ އިމާމުންނާއި ޚަޠީބުން އިތުރު ތަމްރީނަށް ޓަކައި، ރާއްޖޭން ބޭރަށް ފޮނުވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށް އިމާމުންގެ ދެ ބުރަކާއި ބުރޫނާއީއަށް ވެސް އިމާމުންގެ އެއް ބުރު ފޮނުވިފައިވާކަމަށާއި މިއީ ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުތަކަށް ވަޑައިގަންނަވާ އިމާމުން މި ޕްރޮގްރާމުތަކުގެ މުހިންމުކަމާއި، ޢިލްމީ ގޮތުން ގިނަ މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގަތް ދަތުރުތަކެއްކަން ފާހަގަކުރައްވައިފައިވާކަމަށެވެ.

މީގެ އިތުރަށް އިމާމުން އިތުރަށް ތަމްރީންކުރުމުގެ މަޝްރޫއުގެ ދަށުން އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަކީ އަމާޒެއްކަަމަށާއި މި އަހަރުގެ ތެރޭގައި އިމާމުންނަށް އެފަދަ ފުރުސަތުތަކެއް ހުޅުވައިލައްވާން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.