މުނައްވަރު އާއި ރައީސް ޑރ. މުޢިއްޒު
މިއަދުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކީ ވަނީ ފާސްކޮށްފަ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މުނައްވަރު ގަވަރުނަރަކަށް އައްޔަން ކުރުމަށް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ. ނާޒިމްގެ އެ ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން ވަނީ ތާއީދުކޮށް އެ ހުށަހެޅުމަށް ރުހުން ދީފައެވެ. އެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮޮނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކީ ވަނީ ފާސްކޮށްފައެވެ.
އެމްއެމްއޭގެ ގަވަރުނަރަކަަށް އައްޔަންކޮށްފިނަމަ ކަންތައްތައް ކުރެއްވުމަށް ނިންމާފައިވާ ގޮތާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ކޮމިޓީގެ މުޤައްރަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު މިއަދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް ނުވަތަ އިތުރަށް ފުޅާކުރުމުގައި އެންމެ މުހިންމު އެއް ބޮޅަކީ ފައިނޭންޝަލް ނުވަތަ މާލީ ދާއިރާ ކަމަށެވެ.
ރާއްޖޭގެ މާލީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަންކޮށްފިނަމަ ޤާނޫނާއި ގަވައިދުގެ ތެރެއިން މާލީ އިދާރާ، އެމްއެމްއޭ އެހެން ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ގަވަރުނަރުކަމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުޢިއްޒު ނިންމެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ މަގާމުން ދުރުކުރަން ހުށަހެޅުއްވީ ވެސް މަޖިލީހުގެ ނައިބު ރައީސް ނާޒިމެވެ. މަޖިލީހުން ހާޝިމް ވަކިކުރަން ފެންނަ ކަމަށް ފާސްކުރުމާ އެކު ރައީސް ވަނީ ހާޝިމް އެ މަގާމުން ވަކިކުރައްވައިފައެވެ.
ކޮމެންޓް