އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ
މަސައްކަތް ކުރުމާއި ރިޒުގަށް މިއަދުގެ ހުތުބާގައި އަލިއަޅުއްވާލެއްވި
ދުނިޔަވީ ހަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ހަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެން ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މަސައްކަތް ކުރުމާއި ރިޒުގަށް އަލިއަޅުއްވާލައި މިއަދުގެ ހުތުބާގައި ވިދާޅުވެފައިވަނީ މިހާރު ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެފައި ކަމަށެވެ. މީސްތަކުންގެ މުހުތާދުތައް ގިނަވެފައިވާ ކަމަށެވެ. އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޒަރޫރީ ކަންކަމަށް ބަދަލުވެފައި ކަމަށެވެ.
ހުތުބާގައި ބުނީ މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާއިރު، އެ އެއްޗެއްގެ ރިޒުގު ކަނޑައަޅުއްވާ ކަމަށެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިގުތިސާދު ކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"ރިޒުގު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރާން ޖެހޭނެއެވެ. ހައްގު ގޮތުގައި ރިޒުގު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދައެވެ. އޭނާއަށް ﷲ ރިޒުޤު ތަނަވަސްކޮށް ދެއްވާނެއެވެ. ޢީސާގެފާނާއިގެން ރައްކައުވެވަޑައިގަތުމުގެ ވޭންވަރު އައި ނާޒުކު ދަނޑިވަޅުގައި ވެސް، މާތް ﷲ މަރްޔަމްގެފާނަށް އަމުރުކުރެއްވީ ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލެއްވުމަށެވެ. ރުކުގައި ހުރި ކަދުރު ބިންނެވުމަށް ޓަކައި މަސައްކަތް ކުރެއްވުމަށެވެ." ހުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް