ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުމާއި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މިހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ މީލާދީ އާ އަހަރުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހި ދައުލަތަކީ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެކެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ގައުމިއްޔަތު ދިފާއުކޮށް ކަށަވަރުކުރުމާއި، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ބޭސްފަރުވާއާއި އާންމު އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމާޒު ފާހަގަކުރެއްވި އެވެ. ހަމައެހެންމެ ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމާއި ދުސްތޫރީ އިސްލާހުތަކާއި އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިގްތިސާދުވެސް ފާހަގަކުރެއްވި އެވެ. މިހުރިހާ ކަމަކާއެކީގައި ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެއް އޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެ އެވެ. ނަތީޖާއަކަށް ވާނީ އިގްތިސާދީ ފުދުންތެރިކަން އިއާދަވާން ފެށުމެވެ. މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންދިޔުމެވެ. އެއާއެކު އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެ އެވެ،" ރައީސް ވިދާޅުވި އެވެ.

އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއް ކަމަށް ރައީސް ވަނީ ހަނދާންކޮށްދެއްވާފަ އެވެ. އެހެންވެ ގައުމީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި، ފަރުދީ ފެންވަރުގައިވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމުގައި ވިދާޅުވި އެވެ. ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުމާއި ވައުދުތައް ފުއްދުމާއި އިތުބާރު ދެމެހެއްޓުން ކަމުގައި ވިދާޅުވި އެވެ. އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމާއި މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

"އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ އަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިއަށް ނެރުމެވެ. ސުލްހަ މަސްލަހަތު އިސްކުރުމެވެ. ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމެވެ. އިހްތިރާމާއި ކުލުނުވެރިކަމެވެ،" ރައީސް ވިދާޅުވި އެވެ.

"އޯގާވަންތަ ﷲ މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީގު ދެއްވާށި އެވެ. މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ! އާމީން،" ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.