ގާސިމް މަޖިލީހުގެ ތަޅުމުގައި
ބަންޑާރަ ނައިބު އުނިކުރާ މާއްދާ ނޫން އެހެން ހުރިހާ ބަޔަކަށް ތާއީދު ކުރައްވާ
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް، ގާނޫނު އިސްލާހު ކުރަން ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވީ އޭގެ ތެރެއިން ބަންޑާރަ ނައިބު އުނި ކުރުމަށެވެ. އެ ބަދަލު ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ދިނުމެވެ.
މަޖިލީހުގައި މިއަދު އެ ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ބިލުގައި ބަންޑާރަ ނައިބު އުނިކުރާ މާއްދާ ނޫން އެހެން ހުރިހާ ބަޔަކަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.
ގާސިމް ތާއީދު ކުރެއްވީ އެ ބިލުގައި ހިމަނާފައިވާ ރަސްމީ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި ބާ ކައުންސިލަށް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދޭން ޖެހޭނެ ކަަމަށް އޮތް މާއްދާއަށެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން އިތުރު ހަ ވަކީލެކެވެ.
ކޮމެންޓް