ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރާއި ބެހޭ ވަޒީރު، މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަނީ
ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ނުހުއްޓޭނެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ރާފިޢު އާއި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރެވިފައިވާއިރު، ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބަޖެޓް ކުރެވިފައި ވީނަމަވެސް ޓެންޑަރ ނުކުރެވި، ނޫނީ ފެށުފައި ހުރި ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ.
އެ ސުވާލައް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ޕްރޮޖެކްޓް ތަކަށް ބަޖެޓް ހަމަޖެހިފައި އޮތް ގޮތުން، އަހަރުގެ ކުރީކޮޅު އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށިއްޖެ ނަމަ، ވަކި ހިސާބަކުން ބަޖެޓްގެ ތާށިކަން އައުމުގެ ސަބަބުން މަސައްކަތް ހުއްޓިގެންދާނެ ކަމަށެވެ. އެހެން ވެއްޖެނަމަ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ކަމަށެވެ.
ކަންމިހެން ހުރުމުން، ދަނޑުތައް ފަދަ ޕްރޮޖެކްޓްގެ މަސައްކަތް، އަހަރުގެ ފަހުކޮޅުގައި އިއުލާން ކޮށްގެން މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށާ، އެގޮތަށް ކަން ކުރުމުން، އަހަރު ނިމޭއިރު ބަޖެޓް ހުސްވި ނަމަވެސް، އަނެއް އަހަރު ފެށިގެންދާއިރު ޕްރޮޖެކްޓަށް ބަޖެޓް ހަމަޖެހި، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް