ސްނޯކްލިންގ
ރ.އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންގ އަށް ގޮސް އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރިސޯޓް މުވައްޒަފަކު ގެއްލިގެން ސަލާމަތީ ބާރުތަކުން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި ގެއްލިފައިވާ މުވައްޒަފަކީ ޕަރަމްޖީތު ސިންހު ރާވަތު އެވެ. އޭނާ ގެއްލިފައިވަނީ އިއްޔެ 15:35 ހާއިރުގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ 16:09 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައިގައި ޕަރަމްޖީތު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައިވާ ދުވަސްވަރެއްގައެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުމަތީގެ ސަލާމަތަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ހާދިސާ ހިނގި ރިސޯޓުގެ ނަން ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް