ވަޒީރު އާދަމް ޝަރީފް ޢުމަރު
ގިނަ ބައެއްގެ ރައުޔު ހޯދުމާއެކު ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނެވިގެންދާނެ
ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ހަދާ ދިރާސާ ރިޕޯރޓް އަންނަ އޯގަސްޓްމަހުގެ މެދުތެރެ ހިސާބުގައި ނިމޭނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އިޞްލާޙީ ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބަދަލުކޮށް، ބާއޮޑިއެއްގައި ގަނޑުލާ އުޞޫލުން ނޫން ކަމަށާ، މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތެއްގެ މައްޗަށް ކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.
"ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބާއޮޑިއެއްގަ ގަނޑުލާ އުޞޫލުން ނޫން. މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތުގެ މައްޗަށް. އެ މަގުން ކުރިއަށް ގެންދިއުމަށް ޓަކައި އަޅުގަނޑު ޤައުމީ ޔުނިވާރ ސިޓީއާއެކު ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރަން. ލާމަރުކަޒީ ނިޒާމަށް ގެންނާނެ ހެޔޮ ބަދަލަކީ ކޮބާތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރިޕޯރޓް ލިބުނީމަ އޭގެ އަލީގައި އެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި، ސްޓޭކްހޯލްޑަރުންނާއި، އާންމު ރައްޔިތުންނާއި އަދި ގިނަ ބައެއްގެ ރައުޔު ހޯދުމާއެކު ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ އިޞްލާޙުތައް ދެނެގަނެ އެ ކަމުގެ މައްޗަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކޮމެންޓް