މަޖިލީހުގެ ތަޅުމުގައި ސައްތާރު ބިލު ހުށައަޅުއްވަނީ
އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާޢީ ތަޙުޤީޤުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި 24 ގަޑިއިރު މަސައްކަތްކުރާނެ ނެޓްވޯކެއް ގާއިމުކުން މި ބިލުގެ އިސްލާހުގައި ހިމެނޭ
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ސައިބަރ ކްރައިމް އަށް ހާއްސަކޮށް އިސްލާހެއް ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވަނީ ޖިނާޢީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހެއް ހުށައަޅާފައެވެ. އެ ބިލުގެ ކިޔުމުގައި ސައްތާރު ވިދާޅުވީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ސައިބަރ ސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވަމުންދާތީއެވެ. އަދި އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް އެ ކުށުގެ ޢަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ ކަމަށް ސައްތާރު ވިދާޅުވިއެވެ.
"މި އިޞްލާޙު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭ ގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމުގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާއި، ޕްރިޒަރވްކުރެވިފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭ ގޮތުންނާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާ ގުޅޭ ގޮތުންނާއި، ޓްރެފިކް ޑޭޓާ ރިއަލްޓައިމުގައި ނެގުމުގައި އެހީތެރިވުމާއި ބަދަލުކުރުމާ ގުޅޭ ގޮތުންނާއި، ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓުކުރުމާއި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން" ސައްތާރު ވިދާޅުވިއެވެ.
ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާޢީ ތަޙުޤީޤުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި 24 ގަޑިއިރު މަސައްކަތްކުރާނެ ނެޓްވޯކެއް ގާއިމުކުރުން ވެސް މި ބިލަށް ގެންނަ އިސްލާހުގައި ހިމެނެއެވެ. އަދި މިފަދަ އިސްލާހެއް ގެނައުމުން، ސައިބަރ ކްރައިމް ހުއްޓުވުމަށް ޓަކައި އެފަދަ ގާނޫނީ އެހީތެރިކަން ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ސައްތާރު ހާމަކުރެއްވިއެވެ.
ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް އެމްޑީޕީގެ ޕީޖީން ވަނީ ތާއީދުކޮށްފައެވެ. އިލެކްޓްރޯނިކް އާލާތްތައް ހެކްކޮށްގެން އެކިކަހަލަ ސްކޭމް ހިންގާ މީހުންނާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މި ގާނޫނުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް