ޝާމިލް އެސްއޯއީ ކޮމިޓީގައި
އެމްއެމްޕީއާރުސީގެ މައްސަލައިން ފެށިގެން މިއަދާ ހަަމައަށް ކަންކަން ހިނގާފައި ހުރި ކަންކަން ބަލަން އެބަޖެހޭ
ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް ރާއްޖޭގެ ބޭންކުތަކުން މައުލޫމާތު ހޯދުން ވަރަށް ދަތި ކަމަށާއި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާކުރާ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބޭންކުތަކުން ލިބޭ މައުލޫމާތު ހޯދުމަށްޓަކައި އެތައް ފަހަރަކު އެ ކޮމިޝަނުން ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ.
އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ޝާމިލް ފާހަގަ ކުރެއްވީ ރާއްޖޭގެ ބޭންކިން ނިޒާމު، އެމްއެމްއޭ އިން ރަނގަޅަށް މޮނީޓާ ކުރަމުން ނުދިއުމެވެ.
"އެމްއެމްއޭ އިން އެ ބޭފުޅުންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހައްދަވަން ޖެހޭ ގަވައިދުތައް، އެންމެ ފުރިހަމަ އަށް މި ޒަމާނަށް ފެތޭ ގޮތަށް ނުހެއްދެވި ހުރީމާ އެމްއެމްއޭ އިން އެ އަދާކުރަންޖެހޭ ޒިންމާ، އެ ހަމަ ރަނގަޅަށް ބަލަން ޖެހޭ އަޅުގަނޑުމެން އެބަ. އެމްއެމްޕީއާރުސީގެ މައްސަލައިން ފެށިގެން މިއަދާ ހަަމައަށް ކަންކަން ހިނގާފައި ހުރި ކަންކަން ބަލަން އެބަޖެހޭ،" ޝާމިލް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވި ގޮތުގައި، ބޭންކުތަކުން މައުލޫމާތު ހޯދަން ދަތިވެ، އެކަން އެތައް ބައްދަލުވުންތަކެއް ފާހަގަ ކުރައްވާފައި ވާނެ އެވެ. އެކަމަށް ހައްލު ލިބުމަކީ އޭސީސީގެ ތަހުގީގުތައް އަވަސްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކަ އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ލިބިފައިވާ މާލީ މަންފާތަކާއި ނުހައްގު މުއްސަނދިކަން ހޯދާފައިވާ ގޮތް ދެނެގަންނަން ޖެހޭ ކަން ޝާމިލް ފާހަގަ ކުރެއްވިއެވެ.
"މުޅި ބޭންކިން ނިޒާމު ބަލަަހައްޓަމުން އެމްއެމްއޭ އިން އެ ދަނީ އެންމެ ރަނގަޅު ގޮތުގައިތޯ އެބަޖެހޭ ބަލަން. ބަލައިގެން ނޫނިއްޔާ، ތަހުގީގީ އިދާރާތަކަށް އެ ލިބެންޖެހޭ މައުލޫމާތު ނުލިބެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް." ޝާމިލް ވިދާޅުވިއެވެ.
އޭސީސީން އެމްއެމްއޭގެ ވާހަކަ ފާހަގަކުރިއިރު، އެ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފުތާގެ ހޯމަ އާއި އިއްޔެ އާއި މިއަދުވެސް ހާޝިމް ހާޒިރުކުރަން މަސައްކަތްކުރި ނަމަވެސް، އޭނާ ހާޒިރުވެފައެއް ނުވެއެވެ.
ކޮމެންޓް