މާލީ ދާއިރާ ކުރިއެރުވުމަށް "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުނި އުފައްދައިފި

ރައީސް މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ / ފައިލް ފޮޓޯ: ރައީސް އޮފީސް

"ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، އުފައްދަވައިފިއެވެ.

އެމަނިކުފާނު މި ކުންފުނި އުފައްދަވާފައި ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެއްވި ނަންބަރު 15/2025، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުންނެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ މި ކުންފުނި އުފެއްދެމުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސަސް، ޑިޖިޓަލް ރިއަލް އެސްޓޭޓް، ފައިނޭންޝަލް ޓޫރިޒަމް، ބޭންކިންގެ ހިދުމަތްތައް ހިމެނޭގޮތުން މާލީ ހިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށެވެ.

"ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 100،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000 ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީގޮތުން އަމިއްލަ ޝަހްސެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.