ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް މިއަދު ހަދިޔާކޮށްފި

މިއަދުގެ ރަސްމިއްޔާތުގެ ގްރޫޕް ފޮޓޯ

ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރީ 54 ކާރާއި ހަތަރު ވޭން

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް މިއަދު ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރީ 54 ކާރާއި ހަތަރު ވޭނެވެ. އެއީ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ގެ އަގުހުރި ވެހިކަލްތަކެވެ. އެ ތަކެތި ދިވެހި ފުލުހުންނާ ހަވާލުކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށް ދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީއެވެ. އަދި ރާއްޖެއިން އެ ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު ވިދާޅުވީ ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަމަށާއި އެކަންކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްގެން ކަމަށެވެ.

ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ޝުޖާއު ވިދާޅުވީ ޖަޕާނުން ހަދިޔާކުރި ވެހިކަލްތަކާއެކު ފުލުހުންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ، މިއީ ޖަޕާނު ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓުދޭން ބޭނުންވާކަމުގެ ހެއްކެއްކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެކަމަށެވެ. އެގޮތުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. .އެގޮތުން މެޓަލް ޑިޓެކްޓަރ، ލޭސަރަރ، ޕެސެންޖަރ ކްރާފްޓު އަދި ރަބަރ ބޯޓު ފަދަ ތަކެތި ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ފިލައާ ޖަޕާން ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.