އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުންދިން ބިދޭސީ މީހާ ޑީޕޯޓް ކުރާނެ: ޝަމްޢާން

ޝަމްޢާން

އެމީހާ ވެހިކަލަށް ގެއްލުންދިނީ ހައްޔަރުކުރަން އުޅެނިކޮށް

އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުންދިން ބިދޭސީ މީހާ ޑީޕޯޓް ކުރާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ދެއްވައިފިއެވެ.

ޝަމްޢާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅާ އަދި ވެހިކަލަށް ބިދޭސީއަކު ގެއްލުންދީފައިވާކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފާހަގަކުރެއްވިއެވެ.

މިމީހާ މިވަގުތު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ޤާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯރޓް ކުރެވޭނެ ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މީގެ ކުރިންވެސް އިލްތިމާސްކުރައްވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޙްތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރއަށް އޮވެއެވެ.

އެގޮތުން އެ ފަރާތްތައް 50،000އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަައިނާ ކުރުމާއި، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ލިބިގެންވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނައިރު 1800 އަށްވުރެ ގިނަ ބިދޭސީންވަނީ ގައުމަށް ފޮނުވައިލައިފައިވެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށ،ް މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށ،ް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.