ޓްރަމްޕަށް ދިން ހަމަލާ ރައީސް ޑރ. މުޢިއްޒު ކުއްވެރި ކުރައްވައިފި

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް (ފޮޓޯ؛ ރައީސް އޮފީސް)

ހަމަލާދިނީ ޕެންސްލެވޭނިއާ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސްޓޭޖް މައްޗަށް އަރައި ޕޯޑިއަމް ކުރިމަތީގައި ވާހަކަ ދައްކަން ހުއްޓަ

އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ބަޑިން ދިން ހަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުށްވެރި ކުރައްވައިފިއެވެ.

ޓްރަމްޕަށް ހަމަލާދިނީ ޕެންސްލެވޭނިއާ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސްޓޭޖް މައްޗަށް އަރައި ޕޯޑިއަމް ކުރިމަތީގައި ވާހަކަ ދައްކަން ހުއްޓައެވެ. އޭރުގައި އޭނާގެ ކަންފަތުން ލޭ އަންނަ މަންޒަރު ވެސް ފެނިފައިވެއެވެ. ޓްރަމްޕަށް ހަމަލާ ދިނުމާ ގުޅިގެން ބޮޑީގާޑުން، ގަދަކަމުން އޭނާ ސްޓޭޖުން ބާލާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މި ހަމަލާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ހުރިހާ ތަނެއްގައި ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް އެމަނިކުފާނު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ހެޔޮއެދުންތައް ވަނީ ޓްރަމްޕް އާއި އޭނާގެ އާއިލާ އަދި އެ ހަމަލާގައި އަނިޔާ ލިބުނު މީހާއާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ މަރާލައިފައެވެ. އަދި މި ހާދިސާގައި ރެލީއަށް ދިޔަ މީހަކު ވަނީ މަރުވެފައެވެ.

ޓްރަމްޕް ވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް ޝުކުރު އަދާކޮށް، ރެލީގައި ބައިވެރިވަނިކޮށް މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ. ޓްރަމްޕް ބުނި ގޮތުގައި ވަޒަން އަމާޒުވީ އޭނާގެ ކަނާތް ފަރާތު ކަންފަތުގެ މަތީ ބަޔަށެވެ. ޓްރަމްޕަށް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.