ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ.ނޮޅިވަރަން/ ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ)
ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި، މީހަކު ނިޔާވި މައްސަލަ ތަޙުޤީޤުކޮށް ނިންމުމަށްފަހު، ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ "ސަސް އީ ސްޕީޑް" އަދި "އެމްޑަބްލިޔުއެސްސީ މެރިން 2" ލޯންޗު ދުއްވަން ތިބި ދެ މީހުންގެ މައްޗަށެވެ. އެއީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35 އަހަރު) އާއި ހދ. ނޮޅިވަރަން / ގްރީންހައުސް، މުޙައްމަދު ޖަމީލް (43 އަހަރު) އެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ގައި ހިނގި މި ހާދިސާގައި 52 އަހަރުގެ ފިރިހެނަކު ނިޔާވިއެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ ދުވަހުގެ 18:15 ހާއިރުއެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުރަތަމަ ފަހަރަށް ފޮނުވާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 4 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަ އިސްލާޙުކުރުމަށް އަނބުރާ ފޮނުވުމަށްފަހު، ދެވަނަ ފަހަރަށް މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހުއެވެ.
ކޮމެންޓް