ޕޮލިސް ބަލިކޮށް ވެމްކޯއިން 4 ވަނަ ފަހަރަށް ތަށި ނަގައިފި

ވެމްކޯއިން އުފާ ފާޅުކުރަނީ

4 ފަހަރުވެސް ވެމްކޯއިން ފައިނަލުގައި ވާދަކުރީ ޕޮލިސް އާ

ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ކަޕްގެ އަންހެން ޑިވިޝަންގެ ތަށި އުފުލާލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން، ވެމްކޯ އިން 6-0 އިން ލީޑެއް ނެގުމާ އެކު، ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ވަނީ ޓައިމް-އައުޓެއް ނަގައި، ޓީމުގެ މައްސަލަތައް ހައްލުުުކުރަން މަސައްކަތް ކޮށްފަ އެވެ. އޭގެ ނަތީޖާ ރަނގަޅަށް ފެނި، ޕޮލިހުން ވަނީ 12-12 އިން އެއްވަރުކޮށް، ފަހުން އެއް ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. އެކަމަކު، ފަހުން 17-17 އިން އެއްވަރުވެ، އޭގެ ފަހުން، ވެމްކޯ އިން ރަނގަޅު ލީޑެއްގައި އޮވެގެން، ސެޓު ކާމިޔާބުކުރީ، 25-19 އިންނެވެ.

ފުރަަތަމަ ސެޓުގައި، ވެމްކޯގެ އައިމިނަތު އަރީޝާ އާއި އައިޝަތު މާޖިދާ (މާޖީ) އަދި ޖޫޒާން ޒަރީރް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ވެމްކޯގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކޮށް ދެ ވަނަ ސެޓު ވެސް ކޮންޓްރޯލް ނަގައިގެން ކުޅެ، މި ސެޓު، 25-23 އިން ކާމިޔާބުކުރިއެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ޕޮލިހުގެ ކޮންފިޑެންސް ފެނުނީ ވަރަށް ރަނގަޅަށެވެ. އެ ޓީމުގެ ޑިފެންސް ވަރަށް ރަނގަޅަށް ފެނުނުއިރު، 10-14 އިން ކުރީގައި އޮއްވައި، ވެމްކޯގެ ކޯޗު ޓައިމްއައުޓެއް ނެގިއެވެ.

ޓައިމް އައުޓަށް ފަހު ކުޅެން އަރައި، ވެމްކޯ އިން ނަތީޖާ ވަނީ އަނބުރާލާފައެވެ. އެއީ 15-14 އިންނެވެ. ނަތީޖާ އަނބުރާލުމުގައި އެ ޓީމުގެ މާޖިދާގެ ދައުރު ބޮޑެވެ. އެކަަމަކު، ޕޮލިހުން މަސައްކަތް ރަނގަޅުކޮށް، 15-16 އިން ލީޑެއް ނެގިއެވެ.

ސެޓުގެ މެދަކާ ހަމައިން ފެށިގެން ދެ ޓީމަށް ޕޮއިންޓް ލިބެމުންދިޔައީ ވަރަށް ހަމަހަމަކޮށެވެ. ވެމްކޯ އިން ވަނީ 22-20 އިން ލީޑެއް ނަގައި، ހަަމަޖެހުމެއް ހޯދައިފަ އެވެ. ވެމްކޯއިން ލީޑު ނެގުމާއެކު ޕޮލިހުން ވަނީ ޓައިމް-އައުޓެއް ނަގައިފަ އެވެ. އެކަމަކު، ޓައިމްއައުޓަށް ފަހު ވެސް ވެމްކޯ ކުރީގެ ވަރުގަދަ ކުޅުން ދަމަހައްޓައި، 25-21 އިން ސެޓު ގެންގޮސްގެން، ކާމިޔާބު ހޯދިއެވެ. މި ސެޓުގެ ފަހު ކޮޅުގައި ވެމްކޯގެ ޒުވާން ކުޅުންތެރިޔާ، މާޔާ ހުސެއިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާއެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ:

ވެމްކޯގެ މާޖިދާ، ޕޮލިހުގެ ހައްވަ، ޕޮލިހުގެ މަރިޔަމް އަޒުމާ، ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ އައިމިނަތު ރިޔާޝާ، ވެމްކޯގެ ޖޫޒާން، ވެމްކޯގެ މާޔާ، ވެމްކޯގެ ފައިހާއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހުގެ މާސާއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަދީލްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ، ވެމްކޯގެ މާޖިދާ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.