ލާމަރުކަޒީ ނިޒާމު ވެގެންދާނީ ކުރިޔަށް އޮތް 15 އަހަރު ޕްރެކްޓިސް ކުރިޔަސް ފެއިލް ވެގެންދާނެ އެއްޗަކަށް: މުސްތޮ

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްޠަފާ ދާއިރާގެ އަޑުގެ ޕްރޮގްރާމްގައި

ލާމަރުކަޒީ ނިޒާމު އުފެއްދުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި މުސްތޮ ވަނީ ބައިވެރިވެފަ

މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހިމް (މުސްތޮ)ގެ ސިޔާސީ ހަޔާތް ފެށިފައިވަނީ މުލަކު އަތޮޅުގެ އަތޮޅުވެރިކަން ކުރި ހިސާބުންނެވެ. އަތޮޅުވެރިކަން ކުރުމުގެ ކުރިން މުސްތޮ ހުންނެވީ ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގައި މުސްތޮ ގެންދަވަނީ އިޖްތިމާޢީ ކޮމިޓީ އަދި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގައި މަސައްކަތް ކުރަމުންނެވެ.

މުސްތޮ އާއެކު މިނެޓްސް އޮންލައިންގެ ދާއިރާގެ އަޑުގެ ތިންވަނަ ޕްރޮގްރާމަށް އިންޓަވިއު ކޮއްލަން ލިބުނު ފުރުސަތުގައި މުސްތޮއާއެކު ވަރަށް ގިނަ ގުނަ ވާހަކަތަކެއް ދެކުވުނެވެ.

ސިޔާސީ ކަންކަމުގައި މުސްތޮ ވަނީ ރާއްޖޭގައި ސިޔާސީ ކަންތައް ފެށިގެން ދިޔައިރު މަސައްކަތް ކޮއްފަކަމުގައި މުސްތޮ ވިދާޅުވިއެވެ. އެގޮތުން، އެމްޑީޕީން އޭރުގައި ބާއްވަމުން ގެންދިޔަ މިނިވަން ބަހުސްތަކުގައި ބައިވެރި ކަމުގައި ވިދާޅުވިއެވެ. އެއީ ޤައުމުގެ އެ ވިސްނުންތަކާއެކު މަސައްކަތް ކުރުމަށް ބޭނުން ވާތީ ކަމަށް ވިދާޅުވިއެވެ. އޭރުގައި އުފެދުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުފެއްދުމުގައި އޭރުގެ ވަޒީރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއެކު މަސައްކަތް ކުރެއްވި ކަމަށް ވެސް މުސްތޮ ހާމަކުރެއްވި އެވެ. މި މަސައްކަތުގައި ތަސްމީން އަދި ނާޒިމް އާއެކު އުޅުއްވެވިއެވެ.

ޑީއާރްޕީ ތެރޭގައި ދެބައިވުން އުފެދި، ރައީސް ޔާމީން އާއެކު ޕީޕަލްސް އެސޯސިއޭޝަން އުފެއްދެވުމުގައި މުސްތޮ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އަދި މި އެ އެސޯސިއޭޝަން ވަނީ ފަހުން ޕީޕަލްސް އެލަޔަންސް އަށް ބަދަލުވެފައެވެ.

އަތޮޅުވެރިކަމުގެ ޝަރަފްވެރި މަޤާމުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ އަތޮޅުގެ ހުރިހާ ކަމެއް ހިންގުމުގެ ޒިންމާދާރު މީހެއް ގޮތުގައި ގޮތް ނިންމާދޭ މީހެއް ގޮތުގައި މަސައްކަތް ކުރަން ޖެހުނުކަމަށެވެ. އަދި ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަށް ހިންގާނެ ގޮތުގެ ލަފާދޭ މީހެއް ގޮތުގައި މަސައްކަތްކުރި ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ބޭނުންވާ ކަންކަން ތަންފީޒުކުރުމުގައި އަދި ރައްޔިތުން ބޭނުންވާ ކަންކަން ވަކި ހަމައެއްގެ މަތިން ތަރުތީބުކޮށްގެން ކަތީބުންނާއެކު މަސައްކަތް ތަކެއް އަތޮޅުވެރިކަމުގެ ތެރޭގައި ކުރެވުނު ކަމަށެވެ.

ލާމަރުކަޒީ ނިޒާމު އުފެއްދުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި މުސްތޮ ވަނީ ބައިވެރިވެފައެވެ. އޭރުގައިވެސް މުސްތޮ ވިދާޅުވެފައިވަނީ މި ނިޒާމަކީ ރާއްޖޭގައި ހިންގިދާނެ ނިޒާމެއް ކަމަށް ނުފެނިވަޑައިގަންނަވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް އިންސާނީ ވަސީލަތާއި ފައިސާ ކޮބާތޯ މުސްތޮ ވަނީ ސުވާލު އުފައްދަވާފަކަމަށް މުސްތޮ ވިދާޅުވިއެވެ. މުސްތޮއަށް ލިބުނު ޖަވާބަކީ މާލޭގައި މަސައްކަތް ކުރަމުންދާ ރަށްރަށުގެ މީހުން އެނބުރި ރަށަށް ދާނެކަމެވެ. މުސްތޮ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވެފައިވާތީ މުސްތޮ މިސާލު ޖެއްސެވީ މުދައްރިސުން ބޭނުން ކުރައްވައެވެ.

"މުދައްރިސުންނަކީ އޭރުވެސް ހަމަ އެއް މުސާރައެއް ލިބޭ ފަރާތްތަކެއް. މާލެގެ ޓީޗަރަކަށް ވިޔަސް އަދި ރަށެއްގެ ޓީޗަރަކަށް ވިޔަސް. މަޤާމުގެ ގޮތުން ވިޔަސް އެއްގޮތްވާނެ. އެކަމަކުވެސް ހަމަ ރަށްރަށުގައި ތިބި ޓީޗަރުން މާލެއަށް ހިޖުރަ ކުރާތަނޭ މި ފެންނަނީ. އެއްގޮތަކަށްވެސް މާލޭގައި ތިބި ޓީޗަރުން ރަށްރަށަށް ހިޖުރަ ކުރާ ތަނެއް ނުފެނޭ. މުސާރައެއް އެވަރުގެ ދެވުނު ކަމުގައި ވިޔަސް، ވަޒީފާއެއް އުފެއްދުނުކަމުގައި ވިޔަސް، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއޭ މާލެގައި ތިބެފަ ރަށްރަށަށް ދާނެކަމުގަ" މުސްތޮ ހާމަކުރެއްވިއެވެ.

 މުސްތޮ ދެކެވަޑައިގަންނަވާ ގޮތުގައި ލޯކަލް ގަވަރނަންސް ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމެއް ނޫން ކަމަށެވެ. އަދި މި ނިޒާމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ފުށުއަރާ ނިޒާމެއް ކަމަށް މުސްތޮ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ޤާނޫނު އަސާސީގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ހިންގުމަށް ކަމަށެވެ. އަދި މި ނިޒާމަކީ ފެޑެރަލް ނިޒާމަކަށް ވާތީއެވެ. މުސްތޮ ދެކެވަޑައިގަންނަވާ ގޮތުގައި ލޯކަލް ގަވަރމަންޓްގެ މަޤާމުތަކަށް އަންނަން ޖެހޭނީ އޭރުގައި މައި ސަރުކާރުގެ ބާރު ހިނގާނެ ފަރާތްތަކެއް ކަމަށެވެ. އެއީ އިންތިޚާބުވެގެން ކަމުގައި ވިޔަސް ނޫން ވިޔަސް ކަމަށް މުސްތޮ ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވާ ތަރައްޤީގެ މަޝްރޫއުތަށް ކުރިޔަށް ގެންދެވޭނެ ނިޒާމެއް އޮންނަޖެހޭ ކަމަށް މުސްތޮ ވިދާޅުވިއެވެ.

މުސްތޮ ވަނީ ރައީސް ޑރ. މުޢިއްޒު ކައުންސިލްތަކަށް ގެންނަން ބޭނުންވާ އިސްލާހުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި، އަދުގެ ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅަކީ އަޅުގަނޑު ވަރަށް ތާއީދު ކުރާ ކަމެއް. ހަޤީގަތުގައިވެސް މިއަށް ބަދަލުތަކެއް އަންނަން ޖެހޭ، މީގެ ކޮންޕޮސިޝަން އަށް ބަދަލުތަކެއް އަންނަން ޖެހޭ. ރަށެއްގެ ކުޑަ އާބާދީއަކަށް 5 ކައުންސިލަރުން ބައިތިއްބައިގެން، 200 މީހުން ބަލަހައްޓަން، އަދި ނުވިތާކަށް އަތޮޅު ކައުންސިލެއް ބަހައްޓައިގެން މި 200 މީހުން ބަލަހައްޓަން. މީކީ ދައުލަތަކަށް ކެރި ކުޅަދާނަ ވާނެ ކަމެއް ނޫން. އެހެންވީމާ ދައުލަތުގެ މާލީ ހާލަތު ހުރިގޮތަކަށް، ދައުލަތުގެ ކެޕޭސިޓީ ހުރިގޮތަކަށް އެ މިންގަނޑު އެބަޖެހޭ ބަދަލުވާން. އެހެން ނޫނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސިސްޓަމް ވެގެންދާނީ ކުރިޔަށް އޮތް 15 އަހަރު ޕްރެކްޓިސް ކުރިޔަސް ފެއިލް ވެގެންދާނެ އެއްޗަކަށް. މިހާރު ހަޤީގަތުގައިވެސް ފެއިލްވެފައިވާ ނިޒާމެއް. ހަމަ މިޔަށް ރަނގަޅު ބަދަލެއް ގެންނަންޖެހޭ" މުސްތޮ ވިދާޅުވިއެވެ.

 މުސްތޮ އާއެކު ވަރަށް ގިނަގުނަ ވާހަކަތަކެއް ދައްކާލަން ލިބުނެވެ. އިތުރަށް ދެކެވުނު ވާހަކަތަށް މިނެޓްސް އޮންލައިންގެ ދާއިރާ އަޑުގެ ޕްރޮގްރާމް ބައްލަވާލައްވާށެވެ.

މުސްތޮ އާއި ބައްދަލުކޮއްލެވުނީ ސަމަރ މޯލްޑިވްސް ހޮޓެލްގެ ހިތްގައިމު މާހައުލުންނެވެ. އެގޮތުން ސަމަރ ކްލައުޑް ރެސްޓައުރަންޓް އަކީ ވަރަށް ހިތްގައިމު މާހައުލެއް އަދި އެހާމެ ރީތި މަންޒަރަކާއެކު ކެއުމެއް ނުވަތަ ބުއިމެއް ބައްލަވާލަން އިހްތިޔާރުކޮއްލަން ރަނގަޅު ރެސްޓައުރަންޓެކެވެ. އަދި ސަމަރ މޯލްޑިވްސް ހޮޓަލަކީ ހިތްގައިމު ރޫމްތަކާއެކު އެހާމެ ފުރިހަމަ ހިދުމަތް ތަކެއް ފޯރުކޮއްދޭ ހޮޓެލްއެކެވެ.

20240707_224633.jpg

 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.