ރިވެތި އަހުލާގުގެ މަތީ ދެމިތިބުމަކީ ވާޖިބަކަށް ހަދަން ވާނެ: ވަޒީރު މާރިޔާ

މިނިސްޓަރ މާރިޔާ

ކިޔަވަން އިހުތިޔާރުކުރާ ދާއިރާއަކީ ގައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް އިލްތިމާސްކުރި

ބޭރު ގައުމެއްގައި އުޅޭއިރު ކޮންމެ ކުއްޖަކީ ވެސް މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ދެމިތިބުމަކީ އެންމެ އިސް ވާޖިބުކަމުގައި ހަދަންވާނެ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރި ކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް ރޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ކުދިންގެ ތައުލީމީ ދަތުރުގެ އައު މަންޒިލަށް ނުކުންނައިރު، ކުދިންގެ ކުރިމަގަށް އޮތް ރާސްތާގެ ދިގު ކަމާއި މުހިންމުކަން ފާހަގަކުރައްވަން ބޭނުންވާ ކަަމަށެވެ.

މިގޮތުން ރާއްޖެއިން ބޭރުގައި ކިޔެވުމަކީ ހަމައެކަނި އިލްމު ހޯދުމަށް ލިބޭ ފުރުސަތަކަށްވުރެ މާ ބޮޑު ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ ކުރިއެރުން ހޯދުމުގެ ދަތުރެއް ކަމަށެވެ. އަދި އެއީ ތަފާތު ސަގާފަތްތަކުގެ ތެރެއަށް ވަދެ އުނގެނުމަށް އޮތް މަގެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ތިޔަ ކުދިންނަށް ދޭން ބޭނުންވާ އެއް މެސެޖަކީ، ބޭރު ގައުމެއްގައި އުޅޭއިރު ތިޔައިން ކޮންމެ ކުއްޖަކީ ވެސް މި ގައުމުގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުން. ގައުމު ތަމްސީލު ކުރުމުގައި ރަނގަޅު ނަމޫނާ އަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ދެމި ތިބުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބުކަމުގައި ހަދަންވާނެ،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެ ކުދިންނަށް ލިބޭ އިލްމާއި ހުނަރާއި ތަޖުރިބާތަކަކީ، ހަމައެކަނި ކުދިންގެ މުސްތަގްބަލް ބައްޓަންކޮށްދޭނެ އެއްޗެއް ނޫންކަން ވެސް ހަނދަންކޮށްދެއްވާފައެވެ. އެގޮތުން މި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ކުދިންގެ ދައުރު ވަރަށް މުހިންމު ކަަމަށް ވެސް ވިދާޅުވެފައި ވެެއެވެ.

"އެހެންކަމުން ތިޔަ ކުދިން ކިޔަވަން އިހުތިޔާރުކުރާ ދާއިރާއަކީ ގައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް ތިޔައިން ކޮންމެ ކުއްޖަކަށް އިލްތިމާސްކުރަން. ކިޔަވައި ނިމިގެން އައިސް ގައުމަށް ޚިދުމަތްކުރުމަކީ ތިޔައިން ކޮންމެ ކުއްޖެއްގެ ވެސް އަޒުމުކަމުގައި ކަނޑައެޅުމަށް ގޮވާލަން،". ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.