ޕީއެންސީ ހަރުގޭގައި ޝުޖާޢު ވާހަކަ ދައްކަވަނީ
އޭސީސީ މި ގެންނަނީ. މައްސަލަތައް ކިހާވަރަކަށް ބަލައިފިންތޯ ސާފުކުރަން ކަމަށް ޝުޖާޢު ވިދާޅުވި
ނިމިދިޔަ ސަރުކާރުގައި ކޮށްފައިވާ ވައްކަންތަކާއި ޚިޔާނާތުގެ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެެެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަޖިލީހަށް ހާޒިރުކުރާނެ ކަމަށެވެެ. އެގޮތުން އަންނަ ހޯމަ ދުވަހު އޭސީސީ މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުގެ ވައްކަމާއި ޚިޔާނާތުގެ މައްސަލަތަކެއް އޭސީސީ އަށް ހުށައެޅިފައިވާ ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.
"އަންނަ ހޯމަ ދުވަހު ސަރުކާރުގެ ކުންފުނި ތަކާއި ބެހޭ ކޮމެޓީއަށް އޭސީސީ އެބަ ހާޒިރުކުރަން، އޭސީސީއާ އަޅުގަނޑުމެން ސުވާލުކުރާނަން. ވޭތުވެ ދިޔަ ސަރުކާރުން ކޮށްފައިވާ ވައްކަންތަކަކީ ކޮބައިތޯ ބަލަން، އަޅުގަނޑުމެން އޭސީސީ މި ގެންނަނީ. މައްސަލަތައް ކިހާވަރަކަށް ބަލައިފިންތޯ ސާފުކުރަން. މިއީ ޤާނޫނުގައި އެކަން ކުރަން އޮންނަ ގޮތް ކަމަށްވާތީ އެކަން މިކުރަނީ. ހުރިހާ ރައްޔިތުން ވާނެ ހޯމަ ދުވަހު މަޖިލިސް ބަލަން،" ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ އެމްޑީޕީން ހިސާބު ޖަހާފައިވަނީ 6 މަސް ތެރޭގައި ޤައުމު ބަނގުރޫޓުކޮށްލަން ކަމަށެވެ. އަދި ފައިސާ ޗާޕުނުކޮށް ޤައުމު ހިންގަމުންދާ މަންޒަރު މިއަދު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ސާބިތުކޮށްދެމުން އަންނަ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ ރާއްޖެ ނުދަރާނެ ކަމަށާއި ހާލަތު ބަދަލުކުރުމަށް ރައީސް އަޅުއްވާނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން ދައުލަތުން ދޭ ސަބްސިޑީ އަކީ އޭގެ ހައްގުވެރިންނަށް ދެވޭ އެއްޗެއްކަން ކަށަވަރު ކުރައްވާނެ ކަމަށާއި ސަރުކާރުގެ ކުންފުނިތައް މިހާރު އަންނަނީ އަރަނި ކުރަމުން ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދިވެހި އިޤްތިސާދު ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން، ރައްޔިތުން މިވަގުތު އިސްކުރަންވީ ކެތްތެރިކަން. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން ހެއްވާލާ ވަރުގެ ވެރިކަމަކަށް ރައީސް މުޢިއްޒުގެ ވެރިކަން ވެގެންދާނެ، އެހެން ނަމަވެސް ކުރިއަށް މި އޮތް ދެތިން މަސް ތެރޭގައި މި އަޅާ ފިޔަވަޅުތަކަކީ އަޅުގަނޑުމެން ނޭވާ ހިފަހައްޓާލަން ބައެއް ފިޔަވަޅުތައް ޖެހޭނެ ކަމެއްކަން މި ފުރުސަތުގައި ދަންނަވާލަން" ޝުޖާޢު ވިދާޅުވިއެވެ.
ކޮމެންޓް