އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ
ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތް ކަމުގައި ޚުޠުބާގައި ބުނި
އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ގެވެށި އަނިޔާގެ މައުޞޫއަށް އަލިއަޅުވާލި މިއަދުގެ ޚުޠުބާގައި ބުނީ ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މި ކަމަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށް ޓަކައި އަޑު އުފުލަމުންދާ މައްސަލައެއް ކަމަށެވެ. މީގެއިތުރުން މުސްލިމް މުޖުތަމަޢުއަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢެއް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުންޏެވެ.
"މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެ" މިއަދުގެ ޙުޠުބާގައި ބުންޏެވެ.
ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް މިއަދުގެ ޙުޠުބާގައި ބުންޏެވެ.
"ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން. އަދި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫން ޙަޤީޤަތަށް ބަލާ އިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގަ. އޭނާގެ ރިވެތި އަޚްލާޤުގެ މަތީގަ. އަނބި ދަރީންނަށް އަޅައިނުލައި އުޅެނީ ކިތައް ފިރީންހެއްޔެވެ؟ އަނބިމީހާ ވަރިކޮށްފައި، ދަރިންނަށް ޚަރަދުނުދީ ފިލައިގެން އުޅެނީ، ކިތައް ބަފައިންހެއްޔެވެ؟ މިއީ މުޅީން ވެސް އަނިޔާ. މި ފަދަ އަނިޔާތަކަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަން. ތިމާގެ އަހުލުވެރީންނާ މެދު ޤިޔާމަތް ދުވަހުން މާތް ﷲ ސުވާލުކުރައްވާނެ" މިއަދުގެ ޚުޠުބާގައި ބުންޏެވެ.
ކޮމެންޓް