ފަޒުލް ފިޔަވައި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

އެޗްޑީސީގެ ކުރީގެ އެމްޑީ، ފަޒުލް ރަޝީދު

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓުތައް ފިޔަވައި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.

'ބިންވެރިޔާ' ސްކީމްގެ ދަށުން ހައްގުނޫން ބަޔަކަށް ގޯތި ދޫކުރި މައްސަލައާ ގުޅިގެން ފަޒީލާއި ފަޒުލް ހިމެނޭހެން މި މަހުގެ 20 ވަނަ ދުވަހު 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ޗެއާޕާސަން އަހްމަދު ނާސިފް ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ދެން ތިބި މެންބަރުން ހިމެނެއެވެ.

ފުލުހުން މިއަދު މީޑިއާ އަށް ދިން މައުލޫމާތުގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިދޫކުރި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި 20 މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ޕްރޮސެކިއުޓަރު ޖެނެރަލްގެ ލަފާގެ މަތިން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ފަޒީލާއި ފަޒުލް ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހައްގުނޫން ބަޔަކަށް ގޯތިދޫކުރި މައްސަލައިގައި ތުހުމަތުވާ ފަޒުލް އެޗްޑީސީން އިސްތިއުފާދެއްވީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުން ވަނީ ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ބުނެފައެވެ.

އެގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މިހާރު މި މައްސަލައިގައި ކުރާ ތަހުގީގުގައި 6 މީހަކާ ސުވަލުކޮށްފައިވާ ކަަމަށާއި އެމީހުންގެ ތެރޭގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއް ނުހިމެނޭ ކަމަށެވެ. އަދި މި މައްސަލައިގައި ފަޒުލްއަށް އާންމުންގެ ގިނަ ބަޔަކު ތުހުމަތު ކުރަމުން އައި ނަމަވެސް ތަހުގީގަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ފާހަގަވެފައި ނުވާ ކަަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.