ކުޅިވަރު ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: ވަޒީރު ރާފިޢު

ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވަނީ

ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން ކުޅިވަރު ވުޒާރާއިން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވި

ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ކުޅިވަރުތައް ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެސޯސިއޭޝަންތަކުގެ އިދާރީ ކަންކަން ރަނގަޅު ނުވުމެވެ. މިކަން ހައްލުކުރުމަށް ވަޒީރު ރާފިޢު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކުޅިވަރު ގާނޫނޫތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންނަ މަހު ފޮނުވާލެވޭވަރު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިވަގުތުވެސް ރާއްޖޭގެ ދެ އެސޯސިއޭޝަނެއްގެ އިދާރީ މައްސަލަތަކެއް ފެންމަތިވެ، ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ އެކަންކަން ތަހުގީގުކުރަމުންނެވެ. މިކަމަށް އިޝާރާތްކުރައްވާ ވަޒީރު ރާފިޢު ވިދާޅުވީ ކުޅިވަރު ވުޒާރާއިން މި މައްސަލަތައް ގާތުން ބަލަމުން އަންނަކަމަށާއި، ވީހާވެސް އަވަހަށް މި މައްސަލަތަކަށް ހައްލެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ވަޒީރު ރާފިޢު ވިދާޅުވީ މިހާރަށް ވުރެން ބޮޑަށް ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން ކުޅިވަރު ވުޒާރާއިން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.