" ލޭ އެޕް" މިއަދު ތަޢާރަފްކޮށްފި

މިނިސްޓަރ ލޭ އެޕް ތައާރަފް ކުރައްވަނީ

މި އެޕް މެދުވެރިކޮށް އެއްތަނަކުން ލެއާއި ގުޅޭ ހުރިހާ މެސެޖްތައް ބުނެދެވި ބަލިމިހާ އާއި، ލޭ ހަދިޔާ ކުރާމީހާ އަދި ހޮސްޕިޓަލްތަކާއި ގުޅައިދެވޭނެ


ލޭ ހަދިޔާ ކުރުމާއި ލެޔާއި ގުޅޭ ޚާއްޞަ އެޕްލިކޭޝަނެއް ކަމަށްވާ " ލޭ އެޕް" މިއަދު ތަޢާރަފްކޮށްފި އެވެ.

މި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ މިކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މިފަދަ އެޕްލިކޭޝަންގެ ސަބަބުން މިޒަމާނުގައި ލޭ ހަދިޔާ ކުރާ މީހުންނަށާއި ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއިތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވިއެވެ.

މިހާރު މީހުން ލޭ ހޯދަމުން ދަނީ ލޭ ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެކި ސޯޝަލް މީޑިއާގެ އަދި އެހެނިހެން ީޑިއަމްތަކުގެ ޒަރީޢާއިން ދައުރުކޮށްގެން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި އެޕް މެދުވެރިކޮށް އެއްތަނަކުން ލެއާއި ގުޅޭ ހުރިހާ މެސެޖްތައް ބުނެދެވި ބަލިމިހާ އާއި، ލޭ ހަދިޔާ ކުރާމީހާ އަދި ހޮސްޕިޓަލްތަކާއި ގުޅައިދެވޭނެ ކަމަށެވެ.

ޒަމާނީ ޓެކްނޮލޮޖީ ޞިއްޙީ ދާއިރާއަށް މުހިންމުކަން ފާހަގަކުރައްވާ، މި އެޕްލިކޭޝަން ޑައުންލޯޑްކޮށް ވީހާވެސް ގިނަބަޔަކު މި އެޕްލިކޭޝަންގައި ރަޖިސްޓްރީކޮށް ބޭނުން ހިފުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި މިފަދަ އެހެން ޑިޖިޓަލް އެޕްލިކޭޝަން ޞިއްޚީ ދާއިރާއަށް ތަޢާރަފްކުރަން ބޭނުންވާ ކުންފުނި، ޖަމްޢިއްޔާ އަދި ޖަމާއަތްތަކާއި އަމިއްލަފަރާތްތަކަށް އެ ދޮރުހުޅިވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބްލަޑް ސަރވިސަސް އަށް ވޭތުވެދިޔަ 5 އަހަރުތެރޭގައި އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާވެސް ދެއްވާފައެވެ. މި ބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބުދުލް ރައްޒާޤް ހަލީމް އެވެ.

މީގެ އިތުރުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕތައް ރާވާ ހިނގި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާވެސް ޙަވާލުކޮށްދެއްވާފައެވެ.މި ބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް އެވެ.

ލޭ ހަދިޔާ ކުރައްވާ ފަރާތްތަކުން ކޮށްދެއްވާ އަމިއްލަ އެދުމެއްނެތް ޚިދުމަތަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިއަދު ލޯންޗް ކުރެވުނު ލޭ އެޕް ގެ ސަބަބުން ޑޯނަރުން ރަޖިސްޓްރީ ކުރުމާއި، އެޕޮއިންޓްމަންޓް ޝެޑިއުލްކުރުމާއި ހަނދާންކޮށްދިނުމަށް ފަސޭހަވެ، ޑޯނަރުންގެ ބައިވެރިވުމާއި ރިޓެންޝަން އިތުރުވެގެންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްބޭފުޅުންނާއި، ލޭ އެޕް ޓީމްގެ އިސްބޭފުޅުން އަދި އެހީތެރިން ބައިވެރިވިއެވެ.

ރާއްޖޭގައި އަމިއްލައަށް އެދިގެން މިދިޔަ 2023 ވަނަ އަހަރު 507 މީހުން ލޭ ހަދިޔާކުރިއެވެ. މިއަހަރުގެ މީހާތަނަށް 247 މީހުން ވަނީ އަމިއްލައަށް ލޭ ހަދިޔާކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.