ކެންޕެއިން ހަރަކާތެއް ތެރެއިން
30.5 މިލިއަން ވޯޓުގެ ތެރެއިން ޔަޒްޝިކާން ވަނީ 16.3 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯދާފަ
އީރާނުގެ ރިޔާސީ އިންތިޚާބު ހުޅަނގުގެ ގައުމުތަކާއެކު ގުޅުން ގާއިމުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ މަސްއޫދު ޔަޒްޝިކާން ކާމިޔާބުކޮށްފިއެވެ.
އިރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވުމުން އެ ގައުމަށް ރައީސަކު އިންތިހާބުކުރަން ބޭއްވި އިންތިހާބުގައި މައި ދެ ކެންޑިޑޭޓުންނަކީ ޔަޒްޝިކާން އާއި ސައީދު ޖަލީލީއެވެ.
އިންތިޚާބުގެ މައި މަރުކަޒާ ހަވާލާދީ އީރާނުގެ ގައުމީ ޓީވީން ރިޕޯޓުކޮށްފައިވަ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި ގުނާފައިވާ 30.5 މިލިއަން ވޯޓުގެ ތެރެއިން ޔަޒްޝިކާން ވަނީ 16.3 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯދާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް ދެވަނަ ބުރުގެ އިންތިޚާބުގައި 49.8 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.
ކުރިން ހިތުގެ ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޔަޒްޝިކާންގެ ވައުދުފުޅުތަކުގެ ތެރޭގައި، ހުޅަނގުގެ ގައުމުތާއި އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތް ކުރެއްވުމާއި، އިރާނުގައި ހިޖާބު މަޖުބޫރު ކުރާ ގާނޫނު ލުއި ކުރުން ހިމެނެއެވެ. އަދި އިރާނުގެ އިގްތިސާދު ފުނޑާލަން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސަކު އިންތިޚާބު ކުރި ނަމަވެސް، އިރާނުގެ ދައުލަތުގެ އެންމެ ބާރުގަދަ ފަރާތަކީ ސުޕްރީމް ލީޑަރު އާޔަތުﷲއެވެ. ރައްޔިތުން އިންތިޚާބު ކުރާ ރައީސަކަށް ރުހުން ދޭން ޖެހެނީ އެ ގައުމުގެ ދީނީ ކަންތައްތަކާއި ބެހޭ ސުޕްރީމް ކައުންސިލާއި ސުޕްރީމް ލީޑަރު އާޔަތުﷲއެވެ.
ކޮމެންޓް