މިފަހަރު މިލާ ވޯޓަކީ އެމްޑީޕީގެ މިސްރާބު ކަނޑައަޅަން ދޭ ވޯޓެއް: އައިކް

އައިކް އެމްޑީޕީގެ ކެންޕެއިން ހަރަކާތެއްގެ ތެރެއިން

އައިކް ވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރިމަތި ލާފަ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމާއި ގުޅިގެން ފެނިގެން ދިޔައީ އެކި ފަރާތްތަކުން ކެންޑިޑެސީ އިއުލާން ކުރަމުން ދިޔަތަނެވެ.

އެގޮތުން އެމްޑީޕީން އެތަށް ސިޔާސީ ފަރާތްތަކެއް އުފެދިގެން ގޮސްފައިވާ ދާއިރާއެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާއަށް ކަޅި އެއްލާލެވުނެވެ. ދާއިރާގެ ހުސްވެފައިވާ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލުމާއެކު، އައިކް އަޙްމަދު އީސާ ކެންޑިޑެސީ އިއުލާން ކުރުމާއެކު ވަރަށް ގިނަ ރައްޔިތުންގެ ތާއީދާއި ތައުރީފްގެ ބަސްތަށްދިޔައީ އޮހެމުންނެވެ.

އެހެން ކަމުން، ވިންޓޭޖް ކެފޭ އެންޑް ބިސްޓްރޯގެ ހިތްގައިމު މާހައުލުން އައިކް އާއި ބައްދަލުކޮށް، މިނެޓްސް އޮންލައިންގެ ދާއިރާގެ އަޑުގެ ޕްރޮގްރާމަށް އިންޓަވިއު ކޮއްލީމެވެ.

IMG-20240705-WA0005.jpg

އައިކް ބުނާގޮތުން ސިޔާސީ ހަޔާތް ފެށުނީ 24 އޭޕްރީލް 2015 ގައި އައިކް ހަރާކްތެރިވަމުން ދިޔަ އެންޖީއޯއެއް ކަމަށްވާ ޔޫތްއިންޓެގްރިޓީ ނެޓްވޯކް އަދި އެހެން ޖަމިއްޔާތަކުން ކުރި މުޒާހަރާގައި އައިކް ހައްޔަރުކުރިއެވެ. އައިކް ބުނި ގޮތުން ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށެވެ. އޭރު އައިކްގެ އުމުރުން އެންމެ 17 އަހަރެވެ.

"އެދުވަހު ހައްޔަރުގައި އިނދެގެން 2 ކަމެއް ނިންމިން. ފުރަތަމަ ކަމަކަށް ނިންމީ ސްކޫލް ނިންމާފަ، ކިޔަވާނީ ލޯ. އެދުވަހު އެ ފީލްވި ހެލްޕްލެސްނެސް ފީލްވާކަށް ދުވަހުކުވެސް ބޭނުމެއްނުވި، އެހެން މީހަކަށްވެސް ފީލްވާކަށް ބޭނުމެއްނުވި. 2 ވަނަ ކަމަށް ނިންމީ 18 އަހަރުވާ ދުވަހު އެމްޑީޕީގެ މެންބަރަކަށް ވާނަމޭ" އައިކް ބުންޏެވެ.

އައިކް ގެ އުމުރުން 18 އަހަރު ވުމާއެކު އައިކް ފުރީ 2 ފޯމެކެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ފޯމާއި އެމްޑީޕީގެ މެންބަރޝިޕް ފޯމެވެ.

އެމްޑީޕީގެ ތެރޭގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށީ އެންމެ ގްރާސްރޫޓްގައެވެ. އެގޮތުން އެންމެ ފުރަތަމަ ވީ އޯޑިއަންސްގެ ބަޔަކަށް ކަމަށެވެ. މުޒާހަރާތަކަށް ދިޔުމާއި ޖަލްސާތަކުގަ ބައިވެރިވުމެވެ. ދެން ޖަލްސާތަކުގައި ގޮޑިޖެހުމާއި ކަންކަން ކުރިއެވެ.

20240705_224249.jpg

އެމްޑީޕީ ތެރޭގައި މިވީ 10 އަހަރުގެ ތެރޭގައި އައިކްްއަށް ބައިވަރު ކަންތައް ކުރެވިފައި އެބަހުއްޓެވެ. އޭގެތެރޭގައި ޖަލްސާތަކާއި އިވެންޓްތަށް ރޭވުން އަދި ކެންޕެއިން މެނޭޖްކުރުން ހިމެނެއެވެ. އެ ކަންތައްތަކުގެ އިތުރުން އައިކް ވަނީ:

  • އެމްޑީޕީގެ ޔޫތް ވިންގްގެ 2019 ކޮންގްރެސްގެ ޑިރެކްޓަރުކަން ،

  • ލީގަލް އެފެއާޒް ކޮމިޓީގެ މެންބަރުކަން،

  • އަލަށް އުފެއްދި ދިރާސާ ކޮމިޓީގެ މެންބަރުކަން،

  • އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި ފަނޑިޔާރުކަން،

  • ޔޫތް އެންޑް ރިސޯސަސްގެ ޑެޕިއުޓީ ޗެއާރ ކަންވެސް އައިކް ދަނީ ކުރަމުންނެވެ.

މި ހުރިހާ މަސައްކަތުގެ ތެރެއިންވެސް އައިކް އަށް އެންމެ ފާހަގަކޮއްލެވެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ގެ ކެންޕެއިން މެނޭޖްކުރުމެވެ. މި ކެންޕެއިން އާއެކު ގަލޮޅު އުތުރަށް ރެވޮލޫޝަނަރީ ބަދަލެއް ގެނެވުނުކަމަށް ގަބޫލުކުރެވޭ ކަމަށް އައިކް ބުންޏެވެ.

އައިކް މިފަހަރު މި ބައި އިލެކްޝަންގައި ކުރިމަތިލާން ނިންމީ ކީއްވެތޯ ސުވާލުކުރުމުން އައިކް ބުނީ ކުރާ ކަމެއް ކުރަނީ ވަރަށް ގިނަ ތައްޔާރީތަކެއް ވުމަށް ފަހުގައި ކަމަށެވެ.

"މިއަދު މިހުރީ ރެޑީވެފަ. މިއަދު ދާއިރާއަށްވެސް ވަރަށް ގިނަ ޙިދުމަތްތަކެއް ކޮއްދެވިއްޖެ. ޕާޓީއަށްވެސް ވަރަށްގިނަ ޙިދުމަތްތަކެއް ކޮއްދެވިއްޖެ. އެޙިދުމަތްތަކުގެ ތެރެއިން ދަސްވި ދަސްވުން ގޮސް ދާއިރާގެ ރައީސްގެ ހައިސިއްޔަތުން އެޕްލައި ކުރެވޭނެ" އައިކް ބުންޏެވެ.

ގަލޮޅު އުތުރު ދާއިރާގައި އައިކްއާއި ވާދަކުރައްވަނީ އެމްޑީޕީ ފެށުނީއްސުރެ އެމްޑީޕީގެ މަންމަގެ ގޮތުގައި އެންމެން ބަލާ އަލްއުސްތާޛާ މާރިޔާ ދީދީއެވެ. އައިކް ދެކޭ ގޮތުގައި ކުރިމަތިލާ އެންމެ ފުރަތަމަ އިންތިޙާބުގައި އެމްޑީޕީގައި އެހާ ވަރުގަދަ ބޭފުޅަކާއި ވާދަކުރަން ލިބުމަކީ ވަރަށް ގިނަ ކަންތައްތަށް ދަސްވާނެ ކަމަކެވެ. އަދި އޭގެން ސިޔާސީ ހަޔާތަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.

އައިކް އަށް ވަނީ ގަލޮޅު އުތުރު ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ގެ އެއްބާރުލުމާއި ތާއީދު ލިބިފައެވެ.

"އަޅުގަނޑުގެ ކެމްޕެއިން މެނޭޖަރ، އައިކުއާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފަށައިގެންވެސް އަޅުގަނޑަށް އައިކުގެ ފަރާތުން ފެންނަމުންދަނީ އެމްޑީޕީގެ އަސްލު އުސޫލްތަކާ ހަމަތަކާ އެއްގޮތަށް މަސައްކަތްކުރާތަން. އައިކުއަކީ ވިސުނުންތެރި، ހިކުމަތްތެރިކޮށް އަދި ހިތްވަރުގަދަ ޒުވާނެއް. މިވަގުތު މިޕާރޓީގައި މަސައްކަތް ކުރަމުން އަންނަ އެންމެ ކުޅަދާނަ އެކަކު ކަމުގައިވާ ގ.ސައްލިގެ އަލްއުސްތާޛް ‎އައިކް އަޙްމަދު އީސާ ދާއިރާގެ ރައީސްކަމަށް ހޮވަން އަޅުގަނޑުގެ ފުރިހަމައަށް ތާއީދުކުރަން އަދި އައިކުއަކީ މި މަޤާމަށް އެންމެ އެކަށޭނަ ފަރާތް ކަމާއިމެދު ކުޑަވެސް ޝައްކެއްނެތް" އައިކް އަށް ތާއީދު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި މީސް މީޑިއާގެ ޕޯސްޓުގައި ވެއެވެ.

ދާއިރާގެ ރައްޔިތުން އައިކް އަށް ނުވަތަ އެހެން ފަރާތަކަށް ވޯޓު ދޭއިރު ވިސްނަންވީ ވޯޓު މިލެވެނީ ކޮންކަމަކަށް ކަން ވިސްނަން ޖެހޭ ކަމަށް އައިކް ހިއްސާކުރިއެވެ.

"މިފަހަރު މިލާ ވޯޓަކީ އެމްޑީޕީގެ މިސްރާބު ކަނޑައަޅަން ދޭ ވޯޓެއް. އެމްޑީޕީން ދެން މަސައްކަތް ކުރާނީ ކިހިނެތްތޯ ނިންމުމަށް ލާ ވޯޓެއް" އައިކް ބުންޏެވެ.

ޝައްކެއް ނެތެވެ. އެމްޑީޕީގެ މި ބައި އިލެކްޝަން ވެގެން ދާނެ ވަރަށް ފޯރިގަދަ އިންތިޙާބަކަށެވެ. އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރާނެ އިންތިޙާބެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.