ތިންވަނަ ފަހަރަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސް ވެފައި ކަނޑު ގަދަ

ތިންވަނަ ފަހަރަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މިރޭ 7:45 އާ ހަމައަށެވެ.

މެޓް އޮފީހުން ދެންމެ ނެރުނު އެންމެ ފަހުގެ ހުދު ސަމާލުގައި ބުނެފައިވަނީ، މެންދުރު 1:45 އިން ފެށިގެން މިރޭ 7:45 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއީ މިއަދު މެޓް އޮފީހުން ހުދު ސަމާލެއް ނެރުނު ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ ރޭ މެންދަމު 2:00 އިން ހެނދުނު 8:00 އަށެވެ. އަދި ދެވަނަ ފަހަރަށް ހެނދުނު 9:45 އިން މެންދުރު ފަހު 1:45 އަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ.

މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން އިއްޔެ ލަފާކޮށްފައިވެއެވެ. "މަޑުވާން ފަށާނެ ކަމަށް އަދި ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން،" މެޓް އޮފީހުގެ އޮފިޝަލަކު އިއްޔެ "މިހާރު" ނޫހަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވެއެވެ. ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.