ހިންނަވަރުގެ އެކި މުއައްސަސާތަކާއެކު މެންބަރު ޢަބްދުއްރަޙްމާން މަޝްވަރާކުރައްވައިފި

މެންބަރު ޢަބްދުއްރަޙްމާން ހިންވަރުގެ ކައުންސިލްއާ ބައްދަލުކުރުމުގެ ތެރެއިން

ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން މިއަދު ހިންނަވަރުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ އިސް މުވައްޒަފުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އާރު.ޑީ.ސީގެ މެނޭޖަރާއި އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި، ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި މި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

IMG_4604.jpeg

ފެނަކަ ހިންނަވަރު ބްރާންޗަށް ކުރެއްވި ޒިޔާރަތުގައި، އިންޖީނުގެއާއި ފެން ޕްލާންޓު ހިންގުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ހިންނަވަރުގައި އަލަށް ބަހައްޓާ ފެން ޕްލާންޓުގެ މަސައްކަތް މި އަންނަ ހޮނިހިރު ދުވަހު ފެށޭނެކަން ފެނަކައިން ޔަޤީންކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. އަދި ރޯދަމަހަށް ރަށުގެ މަގުތައް އަލިކުރުމުގެ މަސައްކަތުގެ ޕްލޭންވެސް ދާއިރާގެ މެންބަރާ ހިއްސާކުރެއްވިއެވެ.

IMG_4603.jpeg

ހިންނަވަރު އިޖްތިމާޢީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، ހިންނަވަރު ޔޫތު އެސޯސިއޭޝަނާއި މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ފުޓްސަލް ދަނޑާއި ފުޓުބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. "މަރުކަޒުން ކުރިއަށް ރާވާފައިވާ ކުޅިވަރު ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ" ކަމުގެ ޔަޤީންކަންވެސް ދާއިރާގެ މެންބަރު ދެއްވާފައިވެއެވެ.

މެންބަރު ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި، ކައުންސިލްގެ ރައީސް އަދި މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ޢުމްރާނީ ތަރައްޤީއާއި އާންމު ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ތެރެއިން މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މެންބަރު ހެލްތު ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަރުކަޒުން ދެމުންގެންދާ ޚިދުމަތްތަކާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މެންބަރު ވިދާޅުވީ، ހެލްތު ސެންޓަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ހެލްތު މިނިސްޓަރުގެ ސަމާލުކަމަށް މި ކަންކަން ގެނެސްދެއްވާނެ ކަމަށެވެ.

IMG_4605.jpeg

އަދި ހިންނަވަރު ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

މެންބަރު ޢަބްދުއްރަޙްމާން ވަނީ ހިންނަވަރުގެ ހުރިހާ މުއައްސަސާތަކަށްވެސް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.