ރިޒާވުން ރަސްމާލެ ހިއްކުމަށް ފައިސާ ދެއްކުމަކީ ޤާނޫނާ ޚިލާފު ކަމެއް : އެމްޑީޕީ

އެމްޑީޕީގެ މެންބަރުން މަރުކަޒީ ބެންކުކައިރީގައި

ރިޒާވުން ރަސްމާލެ ހިއްކުމަށް ފައިސާ ދެއްކުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް އެމްޑީޕީ އިން ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު މަތިވަމުންދާ މައްސަލައާއި ދައުލަތުގެ ރިޒާވުން ރަސްމާލެ ހިއްކުމަށް ފައިސާ ދައްކަމުންދާ މައްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު މަސައްކަތް ކުރަމުންދެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޢުލޫމާތު ދިންގޮތުގައި، ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދާއިރު، އެކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ގަވަރުނަރު ވިދާޅުވެފައި ނުވާތީއާއި، ދައުލަތުގެ ރިޒާވުން ރަސްމާލެ ހިއްކުމަށް ފައިސާ ދައްކަމުންދާތީ، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގަވަރުނަރާ ބައްދަލުކުރުމަށް އެދި ސިޓީއެއް ފޮނުވާފައިވެއެވެ.

ނަމަވެސް އެ ސިޓީއަށް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން މިވަގުތު ތިބީ މަރުކަޒީ ބޭންކުގައި ގަވަރުނަރާ ބައްދަލުކުރުމަށް މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ޑޮލަރުގެ ހާލަތު ދަށަށްދަމުންދާއިރު، އެކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. އަދި ދައުލަތުގެ ރިޒާވުން ރަސްމާލެ ހިއްކުމަށް ފައިސާ ދެއްކުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މި މައްސަލައިގައި ގަވަރުނަރާ ބައްދަލުކުރެވިއްޖެނަމަ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭނުންވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކާއި، ރިޒާވުން ރަސްމާލެ ހިއްކުމަށް ފައިސާ ދެއްކުމުގެ ޤާނޫނީ ހައިސިއްޔަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.