ކިރިޔާ ފުރުސަތެއް ދީފި ނަމަވެސް ޗެލްސީ މަރާލާނެ

މަރެސްކާ

ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރަން ކުޅުނީ ކިރިޔާ ފުރުސަތެއް ދީފި ނަމަވެސް އެ ޓީމުން ޗެލްސީ މަރާލާނެކަން އެނގިތިބެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފ އެވެ.

ފުރަތަމަ ހާފުގެ ތިން ގޯލުން ޗެލްސީ ބަލިކޮށް ތަށި ހޯދި މެޗަށް ފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ބުނީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ޕީއެސްޖީ އަކީ ޗެލްސީ އަށް ވުރެ މޮޅު ޓީމެއް ކަމަށެވެ.

"އެ މީހުން އަހަރުމެން މަރާލާނެ ކިރިޔާ ފުރުސަތެއް ދީފި ނަމަވެސް. ހުސް ޖާގައެއް އެ މީހުންނަށް ނުދީ ވާނެ ހުރިހާ ގޮތެއް އަހަރުމެން ހޯދަން ޖެހުނު. މި ގޮތުން އަހަރުމެން ކުޅުނީ މީހަކަށް މީހަކު ނަގައިގެން. މެޗަށް ތައްޔާރުވިއިރު ޕްލޭނުގައި އޮތީ މުޅިން ވެސް އެ ގޮތަށް. އެއީ އެ މީހުންގެ ފެންވަރަށް ބަލާއިރު އަހަރުމެންނަށް އެ ނޫން ގޮތެއް ނެތުމުން،" ކޯޗު ބުންޏެވެ.

ޗެލްސީއާ ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޔޫއޭފާ ކޮންފަރެންސް ލީގު ވެސް ކާމިޔާބުކޮށްދިން ކޯޗު ބުނީ މި ގޮތަށް ކުޅުމުން ޕީއެސްޖީގެ ވާތް ފަރާތު ފަހަތުން ޗެލްސީގެ ފޯވަޑް ކޯލް ޕަލްމާ އަށް ޖާގަ ލިބެމުންދިޔަ ކަމަށެވެ.

"އޭނާ އަށް ވަރަށް ރަނގަޅަށް އަހަރުމެންނަށް ޖާގަ ހޯދައިދެވުނު އެ ފަރާތުން. އޭނާ އެ ހާ އަވަހަށް ދެ ގޯލު ޖެހީ އެ ހިސާބުން ހުސްވި ޖާގަ ތަކުން. ދެން އޭނާ އެކަންޏެއް ނޫން. މުޅި ޓީމު ގުޅިގެން ކުރި މަސައްކަތުން މި ތަށި މި ލިބުނީ. މިއީ ވަރަށް ބޮޑު އުފަލެއް،" ކޯޗު ބުންޏެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.