ސިއްހީ ޚިދުމަތަކީ ތަފާތު އިހްސާސްތަކާ ގުޅިފައިވާ ޚިދުމަތެއް: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ސިއްހީ ޚިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ޚިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިފަދައިން ވިދާޅުވީ ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އައްޑޫ ސިޓީ، މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވަނީ، ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ފެށުނު ގޮތާއި މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

"ސިއްހީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މި ޖަލްސާގައި ފޭދޫ ޞިއްޙީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކުރެވުނެވެ. އަދި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް ކުރިޔަށް ގެންދެވުނެވެ. މީގެ ތެރޭގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ފަސްޓް ލޭޑީ ވަނީ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.

ޖަލްސާ ނިމުމުގެ ކުރިން ފަސްޓް ލޭޑީ ވަނީ ފޭދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.