ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް
ސިއްޙަތާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭގޮތަށް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް" މިހިސް، ޕަބްލިކް ޕޯޓަލް އިފްތިތާހުކުރައްވައިފިއެވެ.
ސިއްޙީ ވުޒާރާ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ގުޅިގެން ތަރައްޤީކޮށްފައިވާ މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމެވެ. "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް"، މިހިސްއަކީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިހިސް ޕަބްލިކް ޕޯޓަލުން އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ ކޮންމެ ކުއްޖެއްގެ ވެކްސިން މައުލޫމާާތާއި ދެވޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތުގެ އިތުރުން ހެދިބޮޑުވުމުގެ ޗާޓުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.
މި ޕޯޓަލްގެ ޒަރިއްޔާއިން ބެލެނިވެރިންނަށް ކުއްޖާ ހެދިބޮޑުވަމުންދާ މިންވަރު މޮނިޓަރކުރެވޭނެއެވެ. އަދި ކުއްޖާއަށް ވެކްސިން ޖަހަންޖެހޭ ދުވަސް ކައިރިވުމުން ސިސްޓަމް މެދުވެރިކޮށް ބެލެނިވެރިޔާއަށް އެސްއެމްއެސްގެ ޒަރިއްޔާއިން ނޮޓިފިކޭޝަން ފޮނުވޭގޮތްވެސް ޕޯޓަލުގައިވެއެވެ.
ސިއްޙީ ވުޒާރާއިން ވަނީ މިހިސް ޕަބްލިކް ޕޯޓަލް އިތުރަށް ތަރައްގީ ކުރުމަށް ނިންމަވާފައެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައި މި ޕޯޓަލްގެ ޒަރިއްޔާއިން މާބަނޑު މީހުންގެ ސިއްޙީ މައުލޫމާތާއި ކޮންމެ ރައްޔިތެއްގެ ސިއްޙީ މައުލޫމާތު ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތައްވެސް މި ޕޯޓަލުން ކުރިއަށް އޮތްތަނުގައި ލިބިގެންދާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ކޮމެންޓް