ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައިވާ ނިންމުމަކީ ހައްގު ނިންމުމެއް ނޫން: ގާސިމް

މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައިވާ ނިންމުމަކީ ހައްގު ނިންމުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށެވެ.

"ފަތުރުވެރިން އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން. އެހެންކަމުން އެ ހައްގު ހަމަ އެގޮތަށް މުވައްޒަފު މީހާއަށް ލިބިދޭންޖެހޭނީ ޑޮލަރުން. ޑޮލަރުން ނޫން ގޮތަކަށް މުވައްޒަފު މީހާ ސާވިސް ޗާޖު ލިބިގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް،" ގާސިމް ވިދާޅުވިއެވެ.

އަދި ބައެއް ކުންފުނިތަކުން މުސާރަވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރު ފެތުރެމުންދާ ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުމުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ، އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުން ކަމަށާއި، ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާއަކުން ދެވޭނީ އެ މުވައްޒަފު މީހާ އެކަމަށް އިއުތިރާޒު ނުކުރާނަމަ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްއަކީވެސް އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކެޓަގަރީ އޭގެ ރިސޯޓުތަކެއް ހިންގާ ފަރާތެއް ކަމަށާއި، އެ ރިސޯޓުތަކަށްވެސް މި ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމަށްވެފައި، ގާނޫނުންވެސް ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލުއިތަކެއް ލިބިދީފައިވާއިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމުން މުވައްޒަފުންނަށް ލިބެނީ މާބޮޑު ގެއްލުމެއް ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.