ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށް އެދި ހުށަހެޅި އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފަށައިިފިއެވެ.
ސްޕްރީމް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.
ޝައްމާނުގެ އިސްތިއުނާފީ މައްސަލައިގައި އޭނާގެ ފަރާތުން ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އަދުލުގެ ނިޒާމު އެކުލަވާލާފައިވާ ގޮތާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން އެކަނި ތަހުގީގު ކުރުމަށް ކޯޓުން ހުއްދަ ދިނީ ގާނޫނާ ހިލާފަށް ކަމަށް ޝައްމާނުގެ ވަކީލު ނޫރުއްސަލާމު ވަނީ ވިދާޅެވެފައެވެ.
އޭގެ ރައްދުގައި ދައުލަތުން ވިދާޅުވީ ހައިކޯޓުން އެގޮތަށް ނިންމީ ޝައްމާނުގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭތީއާ އެ ފައިސާއަކީ ކޮރަޕްޝަނުގެ އަމަލުކުން ހޯދާފައިވާ ފައިސާތޯ ބަލައި ތަހުގީގުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާތީ ކަމަށެވެ.
ޝަމްއާން ހައްޔަރުކޮށް 15 ދުވަހަށް ބަންދު ކުރުމަށްފަހު ބަންދުގެ މުއްދަތު ހަމަވާން އެއް ދުވަހަށް ވުމުން ކޯޓަށް ހާޒިރުކޮށް، އަނެއްކާ ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވެއެވެ.
ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަކަމުގެ ތުހުމަތުގައެވެ.
ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވެއެވެ.
ކޮމެންޓް