ފުލުހުން
ޑޮލަރު ވިއްކާ ކަމަށް ބުނެ، ޑޮލަރު ފޮނުވާފައިވާ ކަމަށް ދައްކާ ބީއެމްއެލް ފޭކު ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 28،000 ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 27 އަހަރުގެ ޒައިދާން މުހައްމަދު ހާޝިމެވެ. ގ. ސިނަމާލެ، 13-05 އަށް ނިސްބަތްވާ ހާޝިމްގެ މައްޗަށް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކޮށްފައި ވެއެވެ.
ކޯޓު އަމުރުގައިވާގޮތުން، ހާޝިމް އެ ފައިސާ ހޯދި ގޮތަކީ، ޑޮލަރު ވިއްކާ ކަމަށް ބުނެ، އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ޑޮލަރު ފޮނުވާފައިވާ ކަމަށް ދައްކާ ފޭކް ސްލިޕެއް ފޮނުވައިގެންނެވެ. ބެލެވޭ ގޮތުގައި ހާޝިމް ފޮނުވި ފޭކް ސްލިޕުގައި ފޮނުވި ކަމަށް ދައްކާފައި ހުރި ޑޮލަރުގެ އަދަދު ރުފިޔާގެ ރޭޓުން، މަކަރާއި ހީލަތުން އޭނާ ހޯދީ އެވެ.
ފޭކް ސްލިޕް ފޮނުވައިގެން ހާޝިމް ހޯދި ފައިސާއިން ވަކި އަދަދެއް އަނބުރާ ގެއްލުން ލިބުނު ފަރާތަށް ދައްކާފައިވާއިރު، އެ ފައިސާ އެއްކޮށް އަނބުރާ ގެއްލުން ލިބުނު ފަރާތަށް ދިނުމަށް، ހާޝިމްގެ އާއިލާއިން އެއްބަސްވެފައިވާކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޮމެންޓް