ތަރިކައިގެ ދާއިރާއެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން

ވަޒީރު އާދަމް ނަޞީރު

އަމާޒަކީ މި 5 އަހަރުތެރޭ، ދުނިޔޭގެ އެހެން ޤައުމުތަކުގަވެސް އޮންނަ ގޮތަށް ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ އެކަން ހާސިލްކުރުމަށް ވުޒާރާގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، މިދައުރުތެރޭ ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށެވެ.

"ތަރިކައިގެ ދާއިރާއެކޭ މި ދެންނެވޭ ބަހުގެ މާނައަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަޤާފަތްވެސް އޭގެ ސާފު މާނައިގައި ދޭހަވުން. ތަރިކައަކީ ނުވަތަ ތަރިކައަށް ނުވާ އެއްޗަކީ ކޮބައިކަން އޭގެ ސާފު މާނައިގައި ދޭހަވުން." ވަޒީރު ވިދާޅުވިއެވެ.

ދިވެހީންނަށް ލިބިފައިވާ ތަރިކައިގެ އެންމެ މުހިންމު އެކައްޗަކީ ދިވެހި ބަސްކަން ހަނދާންކޮށްދެއްވާ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، އެނޫންވެސް ގިނަ ތަރިކަތަކެއް ދިވެހީންނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ފެންވަރުގަވެސް މިކަމާ ވަކާލަތުކުރާނެ، މިކަމަށް ކަންބޮޑުވާނެ ނުވަތަ މިކަމަށް ހޭލުންތެރި، ތަރިކަތައް ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާ ޖަމާޢަތެއް އޮތުން ވަރަށް މުހިންމު

ކަމަށެވެ.

މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުމާއެކު ތަރިކައިގެ މަޢުލޫމާތުތައް އާންމުވެ، ޅަޖީލުތަކާ ހަމައަށް އެ މަޢުލޫމާތުތައް ވާސިލްވުމަކީ، ރަށްރަށުގައިވެސް ތަރިކައިގެ އާސާރުތައް އުފެދުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ. މިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އޭގެ މިސާލަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

"އަޅުގަނޑުހިތުން ރާއްޖޭގެ ވަރަށްމަދު އެއްޗެއް ކުތުބުޚާނާއަކީ. ގޭގޭގަވެސް ފޮތް ހަރުގަނޑު ވަރަށް ނުހުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ކަންކަމާމެދު ލިޔާނެ ލިޔުންތެރީން އޭރުން ތިބޭނެ. ލިޔެވޭ ފޮތްތައް ފެންނަން ހުންނާނެ. އެހިސާބަށް ދެވޭނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިއްދިއްޖެނަމަ އެކި ތަންތަން ފަރުމާކުރާއިރުވެސް ދިވެހީންގެ ސިފަތަކުން ފަރުމާ ވެގެންދާތަން ފެންނާނެކަން ޤަބޫލުކުރައްވާކަމަށެވެ. އެއީ ގެސްޓްހައުސްތައް ފަރުމާކުރުންކަމުގައިވިޔަސް، ރެސްޓޯރަންޓްތައް ކަމުގައިވިޔަސް ނުވަތަ ކާއެއްޗެހި ވިއްކާ ތަނެއްކަމުގައިވިޔަސް އަދި މަގުހެދުން ނުވަތަ ގަސް އިންދުން ކަމަށްވިޔަސް، މިއިން ކޮންމެ ކަމެއްގައިވެސް ދިވެހީންގެ ސިފަތަކުން ސިފަ ލިބިގެންވާ ގޮތް ފެންނަމުންދާނެކަން ޤަބޫލުކުރައްވާކަމަށެވެ.

ދިވެހީންގެ މިނިވަންކަމަށް މަސައްކަތްކުރާނީ ދިވެހީންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ދިވެހީންގެ އަމިއްލަވަންތަކަން ދަމަހައްޓަން ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.