ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސައުދީ ދަތުރާ ގުޅިގެން ހަސަން ލަތީފް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު ޕްރިންސް މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމާ ގުޅިގެން، ކުރީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފް ވަނީ ފާޑުވިދާޅުވެފައެވެ.
ހަސަން ލަތީފް ޓްވިޓަރގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ސައުދީއަށް ވަޑައިގެންފައި ވަނީ ޝާހީ އާއިލާއާ ބެހޭ ކަންކަން ދަސްކުރެއްވުމަށް ކަމަށެވެ. އަދި "ތަނަކުން އަރަބި ހެދުމެއް އަޅާފަ ހުންނަ މީހެއް ފެންނަ އިރަށް އެއީ 'ޕްރިންސް'އެއް ކަމަށް ހީވާތީ އެކަންކަން އޮޅުންފިލުވައިދެއްވަން ގެންދެވީ" ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އަތަމާ ޕެލެސް ކުރިމަތީގައި ހިނގި ހާދިސާއަކާ ގުޅިގެން ހަސަން ލަތީފް ވަނީ އިތުރު ޓްވީޓްތަކެއް ކުރައްވާފައެވެ. އެގޮތުން، އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި ދިރާސާއާއި، އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންގެ ރައުޔު އާންމުކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"އެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށްވުރެ ބޮޑަށް ދަރަވަންދޫ މުއާޒަށް އެކަންކަން އެނގޭކަމަށް ހެދިގެން މިޒާތުގެ އެއްޗެހި ލިޔުނީމާ އެނގެނީ އެއުޅެނީ އެހެން އެޖެންޑާއެއްގައިކަން" ހަސަން ލަތީފް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސިފައިންނާއި ފުލުހުންވެސް ވަނީ ކަން ހިނގާދިޔަ ގޮތުގެ ތަފްސީލު ހާމަކޮށްފައިކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
ކޮމެންޓް