ފައިސަލް ވާހަކަފުޅު ދައްކަވަނީ
އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އެކި ޕްލޭންތަށް ފައިސަލް ހާމަކުރެއްވި
އައްޑޫގެ ޓުއަރިޒަމްއަށް ބޮޑު އުއްމީދެއް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ދެއްވައިފިއެވެ.
ޕީއެންސީ ހަރުގޭގައި ވާހަކަ ދައްކަމުން ފައިސަލް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެމަނިކުފާނު އަމިއްލައަށް މިދިޔަ ހަފްތާގައި ޝަންގްރިއްލާގެ މެނޭޖްމެންޓުގެ އިސް ބޭފުޅުންނާއެކީ މަޝްވަރާ ކުރެއްވި ކަމަށާއި އެކަމަށް ހާއްސަކޮށްގެން ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ދާދި ފަހުން އަޅުގަނޑު ރައީސް އާއި ބައްދަލު ކުރެއްވިން. ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހު އައްޑޫއަށް ދަތުރު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެ ދާންވާއިރަށް ޝަންގްރިއްލާއާއި ފަތުރުވެރިކަމުގެ ކަންކަން ނިމިފައި ހުރުމަކީ ބޭނުންފުޅުވާ ކަމެއް ކަމަށް" ފައިސަލް ހާމަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި އެގައުމުގެ އިސްޓަން އެއާލައިންގެ ނައިބު ރައީސްއާއި ބައްދަލުކުރައްވައި، އައްޑޫއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގަތް ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަނީ ދާދި އަވަހަށް މިއަހަރު ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑުއަށް ޑައިރެކްޓް ފްލައިޓް ޖެއްސޭނެ ކަމަށް" ފައިސަލް ވިދާޅުވިއެވެ.
އައްޑޫގައި މިހާރު ހުރި ކަމަށް ތަފާސްހިސާބުން ދައްކަނީ 850 އެއްހާ އެނދު ކަމަށާއި މި ސަރުކާރުގެ ޕްލޭނަކީ އައްޑޫއަށް ޑައިރެކްޓް ފްލައިޓަށް ގެންގޮސް، ސީޕްލޭން މެދުވެރިކޮށް، ކައިރި ގއ. އަތޮޅު، ފުވައްމުލަށް ފަދަ ތަންތަނަށް ފަތުރުވެރިންނަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ، ޝަންގްރިއްލާގެ ބޭފުޅުން ވެސް ރިސޯޓު އަވަހަށް ހުޅުވަން ބޭނުންވާނެކަން ފައިސަލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައްޑޫގައި ހުރި ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރަން ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"އެހެންވީމަ މި މަސައްލަތް ކުރަނީ ބީއެމްއެލްއާއި އެމްއައިބީ މެދުވެރިކޮށް މިއަހަރު ތެރޭގައި މަދުވެގެން 100 މިލިއަން ރުފިޔާ ކޮންމެ ބޭންކަކުން އެތަންތަން ތަރައްގީ ކުރުމަށް ފެސިލިޓޭޓް ކުރުމަށް ޓަކައި" ފައިސަލް ހާމަކުރެއްވިއެވެ.
ކޮމެންޓް