200 އެއްހާ މީހުން މިހާރު ރިމާންޑު ސެންޓަރަށް ނަގައިފި: ލުބްނާ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު

ބައިތިއްބާ ރިމާންޑު ސެންޓަރަށް މިހާރުވެސް 200 އެއްހާ މީހުން ނަގައިފި ކަމަށާއި އޭގެތެރެއިން ގިނަ ބައެއްގެ ފަރުވާ މިހާރު ފެށިފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލުބުނާ ވިދާޅުވީ ރިމާންޑް ސެންޓަރުތަކުގައި މިހާރު ގާތްގަނޑަކަށް 178 މީހުން ފަރުވާ ހޯދަމުންދާ ކަމަށެވެ.

ލުބްނާ ވިދާޅުވި ގޮތުގައި ރިމާންޑަށް ގެނެވޭ ގިނަ މީހުން ވަނީ ޑްރަގް ކޯޓު މެދުވެރިކޮށް ރިހެބިލިޓޭޝަން ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވައްދާފައެވެ. އަދި ފަރުވާއަށް ނުވެއްދި ވަނީ ވަރަށް މަދު ބައެއް ކަމަށާއި، އެއީ ކްރިމިނަލް ކޯޓުގައި މައްސަލައެއް އޮތުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ މައްސަލަތައް ނިމުމުން އެ މީހުންގެ ފަރުވާވެސް ފެށޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.

"ރިމާންޑްގެ ފަރުވާއަށް ނެގުނު ގިނަ މީހުން ވަނީ ރިހިބިލިޓޭޝަންގެ ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވެއްދިފައި، އޭގެ މާނައަކަށް ޑުރަގު ކޯޓު މެދުވެރިކޮށް ފަރުވާއަށް ހުކުމް ކުރެވިފައޭ ވަނީ."، ލުބްނާ ވިދާޅުވިއެވެ.

އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނެގުމުގެ މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކޯލްތައް މާލެ ސަރަޙައްދުންނާއި އަތޮޅުތެރެއިން ވެސް ވަރަށް ގިނައިން ލިބޭ ކަމަށް ލުބްނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ދާދިފަހުން ތިން ރިހެބިލިޓޭޝަން ސެންޓަރެއް ވަނީ ރިމާންޑް ސެންޓަރުތަކަކަށް ބަދަލުކޮށްފައެވެ. އެއީ:

ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު

ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު

ސ. ހުޅުދޫ ވިލުނު ސެންޓަރު އެވެ.

މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއާއި ފުލުހުން ގުޅިގެން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ ދަށުން، މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް ރިމާންޑް ސެންޓަރުތަކަށް ގެންދެވޭނެ ކަމަށް ފުލުހުން ވަނީ އޭރު ހާމަކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.