”ކޮމިއުނިޓީ އާބަން ފާމިން“ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފްތިތާހުކޮށްފި

މަޝްރޫއުގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފްތިތާހުކޮށްފި

ހުޅުމާލޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުގެ ދެވަނަ ފިޔަވަހި އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާއެވެ.

މިއީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ޔޫއެންޑީޕީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ. މިއީ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ފޯރުކޮށްދީ، އެ ފަރާތްތަކުން އުފައްދާ ބާވަތްތައް ވިއްކައި، އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުމެވެ. މިހާތަނަށް 84 ދަނޑުވެރިން ތަމްރީނުކޮށް، ދެވަނަ ފިޔަވަހީގެ ދަށުން 28 ދަނޑު ސްލޮޓާއި 28 ޕޮޕްއަޕް މާކެޓް ސްޓޯލް ވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ސްލޮޓްތަކުގެ ތެރެއިން 6 ސްލޮޓް އަންހެނުންނަށާއި، 3 ސްލޮޓް ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ޚާއްޞަކޮށްފައެވެ. މިގޮތުން މި މަޝްރޫއުން އެކި އުމުރުފުރާގެ އަދި ތަފާތު ގިންތިތަކުގެ ފަރާތްތަކަށް ފުރުޞަތު ހޯދައިދީފައިވާކަން ފާހަގަކުރެވެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް އައު އީޖާދީ ބަދަލުތަކެއް ގެނެސްދޭނެ، އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރުމަށް މަގުފަހިވެގެންދާނެ މަޝްރޫއެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.