އުފެއްދުންތެރިކަމުގެ މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތަކަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި 275 ހުށަހެޅުމަކަށް ރޭ އެވޯޑުދީފިއެވެ.
މޯލްޑިވްސް އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގަައި ނަމަވެސް ރޭ ސޯޝަލް ސެންޓަރުގައި ވަނީ މި އުފެއްދުންތަކަށް އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. އެންމެ ގިނައިން ބައިވެރިވެފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އޭގެ ތެރެއިން ވަނަތައް ހޯދި 275 ފަރާތަކަށް ރޭ ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން އެއް ވަނަ ހާސިލުކުރި ފަރާތްތަކަށާއި މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި ފަސް ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.
މުޅި މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތްތައް:
ލުޖައިން އަލީ ވަހީދު
އަބުޑީ މޯލްޑިވްސް
މޯލްޑިވްސް ޕޮލިޓެކްނިކް
މުހައްމަދު މޫސާ
އަލީ މާހިރު
އުފެއްދުންތެރިކަމުގެ މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތަކަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
އެކި ދާއިރާތަކުން އެއް ވަނަ ހާސިލުކުރި ބައިވެރިން:
އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ - ލުޖައިން އަލީ ވަހީދު
ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއް ވަނަ - ގއ. ވިލިނގިލި ކައުންސިލުގެ އިދާރާ
ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއް ވަނަ - އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ
ވިޔަފާރިތަކުގެ ދާއިރާއިން އެއް ވަނަ - ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
ތައުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން އެއް ވަނަ - މޯލްޑިވްސް ޕޮލިޓެކްނިކް
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އެއް ވަނަ - ފާތުމަތު ޝަފަގް
ޖަމިއްޔާ ޖަމާއަތްތަކުގެ ދާއިރާއިން އެއް ވަނަ - ވިމެން އޮންޓަޕްރަނިއަސް އެސޯސިއޭޝަން މޯލްޑިވްސް
މުޅި މައުރަޒުން އެއް ވަނަ ސިޓީ/ރަށް - އައްޑޫ ސިޓީ ހިތަދޫ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއް ވަނަ - ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)
މައުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެއިންނާއި ބ. ތުޅާދޫއިންނެވެ. މައުރަޒުގައި 3،600 އަށް ވުރެ ގިނަ ތަކެތި ބައިވެރިކުރުމަށް އެޕްލިކޭޝަން ފޯމު ފުރާފައިވެ އެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުން ރަން ވަނަ ހާސިލުކުރި ފަރާތަކަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލިހުގެ ލަފާ އާއެކު މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަރުޒަރު ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުމެވެ.
މިރޭ 8:30ގައި ފަށާ މި މައުރަޒު މި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް