ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އިބްރާހިމް ފައިސަލްއަށް މި ސަރުކާރުގެ ވަޒީރުކަން ފުރަތަމަ ދިނީ އެއްވެސް ޑީލްއެއްގެ ދަށުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ ފައިސަލް މަގާމުން ވަކިކުރުމާއި ހަމައަށް އޭނާ ފާހަގަކުރެވުނީ، ރައީސްގެ ދިފާއުގައި އެންމެ ގިނައިން ވަކާލާތުކޮށް ވާހަކަ ދައްކަވަމުން އައި ވަޒީރުގެ ގޮތުގަ އެވެ. އަދި ރައީސް މުއިއްޒުގެ ތާއީދުގައި، ފައިސަލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ފައިސަލް މަގާމުން ވަކިކޮށް، ޓޫރިޒަމް މިނިސްޓްރީއާއި އެންވައިރޮމެންޓް މިނިސްޓްރީ އެއްކުރިއިރު ފައިސަލް ވަކިކުރުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ލިބިފައި ނުވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރީ، ފައިސަލްއަށް މަގާމު ދީފައި ވަނީ އެއްވެސް ޑީލްއެއްގެ ދަށުންތޯއެވެ. އެކަން ދޮގުކުރައްވައި ރައީސް ވިދާޅުވީ އެއީ ޑީލްއެއް ނޫންކަމަށާއި އެހެން ނަމަވެސް ފައިސަލްއަށް މަގާމު ދިނީ އަބްދުއްރަހީމާއި އޮންނަ ގާތް ގުޅުމުގެ ތެރެއިންކަމަށް ބުނެވިދާނެ ކަމަށެވެ.
ފައިސަލް ވަކިކުރީ ކީއްވެގެންތޯ ނޫސްވެރިޔާ ކުރި ސުވާލަށް ރައީސް ވަކި ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެމަނިކުފާނު ހަމައެކަނި ވިދާޅުވީ މަގާމުތަކަށް އައްޔަނު ކުރުމަކީ ރައީސަށް ލިބިދޭ ބާރެއްކަމަށެވެ.
ކޮމެންޓް